ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. ނާޒިމް ވިދާޅުވީ މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮޕްޓަރު ބޭނުންކުރެވޭނެކަމަށެވެ. އަދި އާންމު ދަތުރުތައް ކުރަން ޖެހޭނީ ހުއްދަދީފައިވާ ހެލިޕޯޓުތަކުންކަމަށެވެ.
މި ޚިދުމަތް ދިނުމަށް ވާދަވެރި ބީލަމެއްގެ ތެރެއިން ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އެކްސްކްލޫސިވިޓީއެއް ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
“އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯގެ ސްޓެންޑަޑްތަކާ އެއްވަރަށް ދިވެހި ދަތުރުފަތުރުގެ ސިނާއަތް ގެނައުމަށްޓަކައި އެކުލަވާލައްވާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ އައު ބިލަށް މި ސިޔާސަތުތަކާ ގުލޭގޮތުން ގެންނަން ޖެހޭ ބަދަލުތައް އޮތްނަމަ އެ ބަދަލުތައް ގެނެސް އަލުން މަޖިލީހަށް ހުށަހަޅާނެ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިކޮޕްޓަރު ޖެއްސުމަށް ހާއްސަ ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމަށެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަން ޖެހޭނަމަ އެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރުގެ މަސައްކަތް ފަށައިގަތުމަށް ދާއިރާގެ ތަޖުރިބާކާރެއް ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސާނެކަމަށެވެ. ރާއްޖޭގައި މީގެކުރިންވެސް ހެލިކޮޕްޓަރުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެ ހިދުމަތް ހުއްޓާލީ ދިމާވި ހިތާމަވެރި ހާދިސާތަކަކާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!