މާލޭ މޭޔަރުކަމުގެ މަސްއޫލިއްޔަތު އުފުއްލެވުމުގައި އެންމެ ބޮޑު އިސްކަމެއް ލޯތްބާއި އޯގާތެރިކަމުގެ މުޖުތަމައެއް ބިނާކުރަންކަމަށް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައި، ރޭގައި މަގާމާއި ހަވާލުވެވަޑައިގެން އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރާއި، ތިން ކައުންސިލަރުން ހުވާކުރުމަށް ރޭގައި ބޭއްވި ދަރުބާރުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ މާލޭގެ މޭޔަރު ކަމުގެ މަގާމު ފުރުއްވުމުގައި އޭނާ މަސައްކަތް ކުރައްވަން ބޭނުންވަނީ ސަރުކާރަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ދެވެން އޮތް އެއްބާރުލުމާއި އެހީތެރިކަން ދީގެން ކަމަށް ވިދާޅުވެފައެެވެ.

Ad
rt

މޭޔަރުކަމަށް ވަޑައިގަތުމަށް އާޒިމް ގެންގުޅުއްވި މެނިފެސްޓޯގައިވާ ކަންކަން ކުރުމާއި ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެވޭނީ ސަރުކާރާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައިކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭނާ އަށް އިތުބާރުކުރުމަށާއި، އޭނާގެ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މާލޭ މޭޔަރު ކަމުގެ މަގަމުގައި ހުރެ އަޅުގަނޑު މަސައްކަތްކުރުން ބޭނުންވަނީ ސަރުކާރަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެވެން އޮތް އެއްބާރުލުން ދީގެން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މޭޔަރުކަމުގެ ޒިންމާ އުފުއްލެވުމުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ލޯތްބާއި އޯގާތެރިކަމުގެ މުޖުތަމައެއް ބިނާކުރުމަށް ކަމަށެވެ. އަދި ކަންކަން ރަނގަޅުކޮށް އާރާސްތުކުރެވޭނީ ރަނގަޅު ބިންގަލެއްގެ މަތީގައިކަމަށް ވެސް ވިދާޅުވިއެވެ.

މާލޭ މޭޔަރު އާޒިމްގެ ރޭގެ ވާހަކާގައި ވަނީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ޚާއްޞަކޮށް މާލެއާ ކައިރިން މިދިޔަ ސަރުކާރުން ގޯތި ދީފައި އޮތް ތަންތަން ތަރައްގީކޮށް އެ ތަންތަނުން ގޯތި ދިނުމަށް އެދިވަޑައިގަތެވެ.