މާފުށީ ޖަލުގައި ގައިދީންނަށް ކަސަބު ގެތުމުގެ ތަމްރީން ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައްޔާރުކުރުމަށް، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އެތަނުގައި އިއްޔެ ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބުނީ އެ ސާވިސްގެ މާފުށީ ޖަލުގައި ފެށި ކަސަބު ގެތުމާބެހޭ ވޯކްޝޮޕަކީ، އެތަނުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން، ފެށިކަމެއް ކަމަށެވެ.
މި ވޯކްޝޮޕްގައި އެމްސީއެސްގެ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުން ބައިވެރިވެފައިވާއިރު، މި ވޯކްޝޮޕްއަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެކަމަށް އެމްސީއެސްއިން ބުނެއެވެ.
އެއަށްފަހު ކަސަބު ގެތުން ދަސްކުރި އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމުގެ މަސްކަތްފަށަން އެމްސީއެސް އިން ވަނީ ނިންމާފައެވެ.
މިފަދަ ޕްރޮގްރާމް ތަކަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ. މިއީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވޯކްޝޮޕްތަކެއްކަމަށް އެމްސީއެސް އިން ބުނެއެވެ.
މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ދަސްކޮށްދޭނެ ކަމަށް ވެސް އެމްސީއެސް އިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!