މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާތީ ފެންހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މާލެއަށް ބޯކޮށް ވާރޭ ވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރަމުން އަންނަ ކަމަށެވެ.
މިހާރު މާލެއަށް ވެހެމުންދާ ބޯ ވާރޭގައި މި ހާތަނަށް ތިން ގެއަކަށް ފެންވަންނަމުންދާކަމަށް ރިޕޯޓުކުރުމުން އެ ގޭތަކަށް ފެން ވަނުމުން ސަލާމަތްކޮށް ދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ.
''މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާތީ، ފެންބޮޑުވާ އިތުރު ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް ފަށައިފި. މިގޮތުން ބޮޑުތަކުރުފާނުމަގުގެ ބޮޑުވަޅުގެ އިތުރުން ކުޑަކުދިންގެ ބަގީޗާއާއި، ވެސްޓް ޕާކާއި، ފުށްގުދަން ހިމެނޭ ސަރަހައްދުތަކުން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުން.'' އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ޗާޓުގައި ރަތް ކުލައިން މާކް ކުރެވިފައި އެވަނީ މި ވަގުތު، މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ މަގުތައް. މި މަގުތަކުގައި މާކް ކުރެވިފައިވާ އޭރިއާތަކުގައި ހުރީ ޕޭމަންޓާ ހަމައަށް ފެންބޮޑުވެފައި. pic.twitter.com/fVik6r1pMQ
— Maldives National Defence Force (@MNDF_Official) January 10, 2024
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.
ޑިސެމްބަރުމަހުގެ ފަހުކޮޅު ވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ކުރިމަތިވީ މޫސުން ގޯސް ދުވަސްތަކެކެވެ. ޚާއްސަކޮށް މަހުގެ ފަހު ދުވަހާއި އެރޭ ގިނަ ސަރަހައްދުތަކަށް ވަރަށް މޫސުން ގޯސްވިއެވެ.
އެ ވިއްސާރާގައި ފެންބޮޑުވުމުގެ ހާދިސާތަކާއި، މީހުންގެ މުދަލައްގެއްލުންވެ، ބައެއް ރަށްރަށުގެ ބައެއް ގޭތަކުން މީހުން ވެސް އެހެން ތަންތަނަށް ބަދަލު ކުރާން ޖެހުނެވެ.
މި ވިއްސާރާގައި 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް މެޓް އޮފީހުން ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު މާލެ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނައިން ވެހުނު ގޮއިދޫ އަށް 105.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!