މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވާ މީހުންނަށް ރަޖިސްޓްރީ ހަދައިދީ، އެ ތަންތަން ހަވާލުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި، ގެޒެޓް ކުރެވިފައިވާ މީހުންނަށް ރަޖިސްޓަރީ ހަވާލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅާއި އެއްގޮތައް އެކަން ކުރިއަށް ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''މި ހަފުތާއާއި މި އަންނަ ހަފުތާގައި ރަޖިސްޓަރީ ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓު ދޫކޮށްފައިވާ ބައެއް ތަންތަނަކީ އަދި ނުހިއްކާ ހުރި ތަންތަނެވެ. އެހެންވެ އެ ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުން އިތުރަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ގޯއްޗާއި ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވެވަޑައިގަތް ގޮތައް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރައީސް މުޢިއްޒުގެ ސަރުކާރުން ވެސް ވަނީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢެއް ފައްޓަވާފައެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ''ރަސްމާލެ'' ހިއްކުމުގެ މަޝްރޫޢު ރައީސް ޑރ. މުޢިއްޒު ވަނީ އިފްތިތާހްކޮށްދެއްވީ 18 ޑިސެމްބަރު 2023 ގައެވެ.
ފުށިދިއްގަރުފަޅުގައި ހިންގާ މި މަޝްރޫޢުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ރަސްމާލޭގައި އަންދާޒާ ކުރެވޭ ގޮތުން 240،000 އަށް ވުރެ ގިނަ މީހުން އާބާދުކުރެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!