އަންނަ ރޯދަ މަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގަތުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޕްރޮގްރާމްގައި ބައެއް ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދަވާނެކަމުގެ ވަޢުދުވެސް ވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީ ވަޢުދުވެވަޑައިގެންފައިވާގޮތަށް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބިވަޑައިގަތް ތ. އަތޮޅު ގުރައިދޫއަށެވެ.

އެ ރަށަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މިގޮތުން އަންނަ ރޯދަ މަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގެންނެވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދައުރުގެ ތެރޭގައި މަދުވެގެން 2 ފަހަރު ކޮށްމެ ރަށަކަށް ވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.