މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދަރުބާރުގޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ''ރަސްމާލެ'' ހިއްކުމުގެ މަޝްރޫޢު 18 ޑިސެމްބަރު 2023 ގައި ރައީސް ޑރ. މުޢިއްޒު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.

މި މަޝްރޫޢު މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫޢު ކުރިޔަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް ކަމަށެވެ. އަދި އެގޮތައް އެ މަޝްރޫޢު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމާލައްވާނެކަމަށް ވިދާޅުވިއެވެ.

''މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން.'' ރައީސް ރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ދެމި ތިބޭނީ ރައްޔިތުންގެ ކޮޅުގައި ރައްޔިތުންގެ ފަޅީގައި ކަމަށެވެ. ސަބަބަކީ އެމަނިކުފާނު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ލޯބިވާކަމަށާއި، އެމަނިކުފާނުގެ ގާތުގައި ކޮންމެ ރައްޔިތަކު ހަމަހަމަ ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ފިކުރަކަށް، ޖިންސަކަށް، އާއިލާއަކަށް، ރަށަކަށް، ސަރަޙައްދަކަށް ނުބައްލަވާނެ ކަމަށާއި، ބައްލަވާނީ ހަމަ އެކަނި އެއީ ދިވެއްސެއްތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ޤައުމީ ޢާއިލާއަކީ ދިވެހި ޢާއިލާ. ދިވެހީންގެ ރާއްޖޭގެ ދިވެހި ޢާއިލާ. ދިވެހި ޢާއިލާގެ ހުރިހާ މެންބަރުން އަޅުގަނޑަށް ހަމަހަމަ. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނާ ގާތުން. އަޅުގަނޑު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރާނަން. ހާލުއަހުވާލު ބަލާނަން. މި ސަރުކާރުގެ ވަޒީރުންވެސް، ކުންފުނިތަކުގެ ވެރިންވެސް މިގޮތަށް ޢަމަލު ކުރައްވާނެ.'' ރައީސް ވިދާޅުވިއެވެ.

މިގޮތުން، ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި، މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާއި، ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ ކަމަށާއި، މި ގާތްކަމާއި އެހީތެރިކަމަކީ، ދައުލަތް ހިންގުމުގައި އޮތް ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ މަފްހޫމުކަމަށް ރައީސް ވިދާޅުވިއެވެ.

''މި ނިޒާމަށް އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް. މިކަމަށް ޚާއްޞަ ވުޒާރާއެއް އުފެއްދީ އެހެންވެގެން. އަޅުގަނޑު ޔަގީންކުރާ ގޮތުގައި މިހާރުވެސް ކައުންސިލްތަކާއި ރައްޔިތުން، މި ބަދަލުން އުފެދުނު ހެޔޮ ރޫޙާއި، ލިބޭ ހެވާއި، ލާބަ އިހުސާސް އެބަކުރޭ.'' ރައީސް ވިދާޅުވެފަވެއެވެ.