ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ހަމަޖައްސައިފިއެވެ.
ޖޭއެސްސީން ވަނީ ޝުޖޫން އެ މަގާމަށް ހަމަޖެއްސުމުން އެކަމަނާއަށް ތަހުނިޔާކިޔައިފައެވެ. ޝުޖޫން އަކީ އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އިންތިޚާބުކޮށްފައި ހުންނަވާ ފަނޑިޔާރެވެ.
ޖޭއެސްސީގެ ނައިބު ރައީސަކަށް ކުރިން ހުންނެވީ ގާނޫނީ ވަކީލު ސްތޫރު ޙުސްނީ އެވެ. އޭނާ ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީގެ ގާނޫނުގައިވާގޮތުގެމަތިން އެ ކޮމިޝަން އެކުލެވިގެންވަނީ ދިހަ މެންބަރުންގެ މައްޗަށެވެ. ޝުޖޫންގެ އިތުރުން ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކުރެ އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، ކޮމިޝަންގެ މެންބަރު މުހައްމަދު އަސްލަމް، (ރައްޔިތުންގެ މަޖިލީހުގެ ރައީސް)، ކޮމިޝަންގެ މެންބަރު ފަނޑިޔާރު މުހައްމަދު ނިޔާޒު (ހައިކޯޓުގެ ފަނޑިޔާރުންތެރެއިން އެ ކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު)، ކޮމިޝަންގެ މެންބަރު ޢަލީ ޝަރީފް (ދަށުކޯޓުތަކުގެ ފަނޑިޔާރުންތެރެއިން އެ ކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު)، ކޮމިޝަންގެ މެންބަރު އާމިނަތު އުއްމު ކުލްޘޫމް (އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެންބަރު) ކޮމިޝަންގެ މެންބަރު މުހައްމަދު ނާސިހު (ސިވިލް ސާވިސް ކޮމިޝަންގެ ރައީސް)، ކޮމިޝަންގެ މެންބަރު އަހްމަދު އުޝާމް (ބަންޑާރަނައިބު)، ކޮމިޝަންގެ މެންބަރު މުހައްމަދު ސަމީރު (ރައީސުލްޖުމްހޫރިއްޔާގެ މެންބަރު) އަދި ކޮމިޝަންގެ މެންބަރު އަލީ އަބުދުއްލަތީފް (ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު) އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ކޮމިޝަނުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އަދި އެކިއެކި ޤާނޫނުތަކުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ އިމުގެ ތެރެއިންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.
ޖޭއެސްސީގެ މަސައްކަތް
- އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުން.
- އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުން.
- ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ކުރުން.
- ފަނޑިޔާރުންގެ ވަޒީފާއާގުޅޭ ގަވާއިދުތަކާއި ފަނޑިޔާރުންނާގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމާއި އަދި ކޮމިޝަނުގެ އިދާރީ އެކިއެކި ކަންކަން ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި ފާސްކޮށް ހިންގުން.
- ޢަދުލު އިންސާފު ޤާޢިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން.
- ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން.
ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން. - ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ބޭއްވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
- ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
- އެކިއެކި ޖުޑީޝަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ރަށްރަށަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
- ކޯޓު ހިންގުމާ ޙަވާލުވެ ހުންނަ ފަނޑިޔާރު ޗުއްޓީއަށްދާނަމަ، އެ ކޯޓުގެ ހިންގުން އެ ކޯޓުގެ އެހެން ފަނޑިޔާރަކާ ޙަވާލުކުރުމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުން ޖުޑީޝަލް ސަރވިސް ކޮމިޝަނާ މަތިކުރެވިފައިވާ ކަންތައްތައް ކުރުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!