ކ. ތުލުސްދޫން ފުރައިގެން ކ.މާފުށްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފިއެވެ.
މި ދޯންޏަކީ، "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ދޯނި އަރާފައި ވަނީ، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށެވެ.
މި ދޯނި އަރައިގެން އެކަމުގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން އެބަ ތިއްބެވެ.
އެ ދޯނި، ފަރަށްއެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:36 ހާއިރުއެވެ.
މި މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް، އެ ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ހާބަރކުރާފްޓް ލޯންޗުގައި މާލެ ގެނެސްދީފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!