ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މުބާރާތް މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުލީއާއި ޔޫތު ފްރެންޑްސް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އަހުލީންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ޔޫތު ފްރެންޑްސް އިން ޑޮމިނޭޓް ކުރި ނަމަވެސް، ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަހުލީންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ޝަނާން ރަޝީދެވެ. ފުރަތަމަ ހާފު ނިމުނީ އަހުލީ ލީޑުގައި އޮވެއެވެ.

ދެވަނަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އަހުލީންނެވެ. އެ ޓީމުން ލީޑު ފުޅާކުރާނެ ފުރުޞަތު ވެސް ހޯދިއެވެ. ބޭނުން ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޔޫތު ފްރެންޑްސް އިން ވަނީ ގޭމް ކޮންޓްރޯލްކޮށް އަހުލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމުން ކައިރިކައިރީގައި ޖެހި ލަނޑުތަކުން ލީޑު ހޯދިއެވެ. ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި ހުސެއިން ޝަރީފް ޖަހައިދިން އިރު ދެވަނަ ލަނޑު ޖެހީ އަހްމަދު ޒަޔާން އެވެ.

ލީޑުގައި އޮވެ ޔޫތު ފްރެންޑްސް އިން ކުޅެމުން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޝަނާން ވަނީ ލަނޑުޖަހައި އަހުލީއަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން އަހުލީ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭ ޔޫތު ފްރެންޑްސްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރީ ތޯހާ ހާލިދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އަހުލީއަށް ދެ ލަނޑު ޖަހައިދިން އެ ޓީމްގެ ޖޯޒީ ނަމްބަރު 9، ޝަނާން ރަޝީދެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ ރިއަލް ސްޓާސްއާއި ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.