މިހާރު އޮތް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ރަށުގެ ހުރިހާ މަގެއްގައި "އިންޑިއާ އައުޓް" ބެނާ ދެމުމަށް ކައުންސިލަށް ހުށަހަޅައިފިއެވެ.
ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 117 ވަނަ އާންމު ބައްދަލުވުގެ އެޖެންޑާ ފާސްކޮށްފައިވާއިރު، އެޖެންޑާގައި ކައުންސިލު މެމްބަރު އަލީ އިބްރާހީމް ހުށައަޅުއްވާފައި އޮތީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް މި ސަރުކާރަށް އެއްބާރުލުންދީ ވައުދުފުއްދުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް "އިންޑިއާ އައުޓް" ލިޔެ އެ ރަށުގެ ހުރިހާ މަގެއްގައި ބެނާ ދެމުމާއި މެދު ގޮތެއް ނިންމުމަށެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތެ ދެމުން ކައުންސިލް މެމްބަރ އަލީ އިބްރާހީމް ބުނީ އިންޑިއާ އައުޓް ބެނާ ދެމުމާއި މެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރުމުން ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކައުންސިލަށް ގުޅައި އެކަން އެގޮތަށް ކުރިއަށް ނުގެންދަން އެދުނު ކަމަށެވެ. ވުމާއިއެކު މިއަދުގެ ބައްދަލުވުމުގައި ހުށަހެޅީ މިކަމުގައި ސަރުކާރުގެ ލަފައެއް ހޯދުމަށްފަހު އަލުން މި މައްސަލަ އެޖެންޑާ ކޮށްގެން ކުރިއަށް ދިއުމާއި މެދު ގޮތެއް ނިންމުމަށެވެ.
ކައުންސިލް ރައީސް މިވަގުތު ޗުއްޓީގައި ހުރުމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ނައިބް ރައީސް ފިރާގު މުހައްމަދެވެ. މި ބައްދަލުވުމުގައި ކައުންސިލް މެމްބަރ އަލީ އިބްރާހީމްއާއި ނާޒިޔާ ހަސަންގެ އިތުރުން ހާރިސާ މުހައްމަދު ވެސް ބައިވެރިވިއެވެ. ކުރިއަށް ގެންދަން ފެންނަ ކަމަށް އަލީ އިބްރާހީމް ވޯޓް ދިންނަމަވެސް ދެން ތިބި ދެ މެމްބަރުން ވޯޓް ދީފައި ވަނީ މިކަން ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ.
އަލީ އިތުރަށް ބުނީ ސަރުކާރު ބަދަލުވީ ފަހުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ކައުންސިލަށް ނޭނގޭ ކަމަށާއި، އެ މައުލޫމާތު ސަރުކާރުން ކައުންސިލަށް ފޯރުކޮށްދެމުން ނުދާ ކަމަށެވެ.
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށާއި އެ މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތާއި އަދި އެ މީހުން ހަނިމާދޫގައި ހަތިޔާރު ގެންގުޅޭތޯ ނުވަތަ ނޫންތޯ ޔަގީންކޮށް ރައްޔިތުންނަށް ހާމަ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން އަލީ ބުނީ މި ކަންކަން އޮޅުން ފިލުވުމަށް އަދި މި މައްސަލަ އެޖެންޑާ ކޮށްގެން ކުރިއަށް ދިޔުމަށް ވިސްނަމުން އަންނަ ކަމަށެވެ.
ހަނިމާދޫ ކައުންސިލްގައި ހިމެނޭ ފަސް މެންބަރުންކުރެ ހަތަރު މެންބަރުން ނިސްބަތްވަނީ އެމްޑީޕީ އަށެވެ. އެއީ ކައުންސިލްގެ ރައީސް އަބުދުއްސައްތާރު ހަސަން، ނައިބު ރައީސް ފިރާގް މުހައްމަދު، މެންބަރު އަލީ އިބްރާހިމް އަދި މެންބަރު ނާޒިޔާ ހަސަން އެވެ. އަނެއް މެންބަރު ހާރިޘާ މުހައްމަދަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!