މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

އާޒިމްގެ އިތުރުން ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ އެމްޑީޕީ ތިން ކެންޑިޑޭޓުން ވެސް މިއަދު ވަނީ އީސީ އަށް ފޯމު ހުށަހަޅާފައެވެ.

Ad
rt

އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި އެމްޑީޕީގެ އަނެއް ތިން ކެންޑިޑޭޓުން މި އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދަވަނީ "ފެހި ތަނަވަސް މާލެ" ޝިއާރުގެ ދަށުންނެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލެ ތިން ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން

މެދު ހެންވޭރު ދާއިރާ
އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ

ހެންވޭރު ދެކުނު ދާއިރާ
ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ

މާފަންނު ދެކުނު ދާއިރާ
އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ކަމަށް އިންތިޚާބުވެވަޑައިގެން މަޤާމާއި ހަވާލުވެވަޑައިގަންނަވަން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.