ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިހެވަން މަޝްރޫއު އަލުން ފަށާނެ ކަމަށާއި އެ މަޝްރޫއަށް މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް ކަމަށެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، އިހަވަންދިއްޕޮޅުގައި އައިހެވަންގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގާ ބައިނަލްއަގްވާމީ ކަނޑުގެ ބަނދަރެއް ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު، މިހާތަނަށް އައިއިރު ވެސް އެކަން ފުރިހަމަ ވެފައެއް ނުވެއެވެ.
އޭގެ ފަހުން އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް ކުރީގެ ސަރުކާރުން އިއުލާން ކުރިއެވެ. ނަމަވެސް ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށެއެވެ.
އައިހެވަން މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާއި އެއާޕޯޓަކާއި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމާއި ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި ރިއަލް އެސްޓޭޓްގެ ފެސިލިޓީތައް ވެސް ގާއިމު ކުރުމަށް ޕްލޭން ކުރިއެވެ.
ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ އާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ޕްރޮޖެކްޓެއް ކަމަށެވެ. އެތަނުގައި ބަންކަރިން ހިދުމަތް، ނުވަތަ ޓްރާންސްޝިޕްމަންޓް ހިދުމަތް ދިނުމާ މެދު ގޮތް ނިންމާނީ އެ ޕްރޮޖެކްޓަށް އިންވެސްޓް ކުރާ ބަޔަކު ކަމަށް ސައީދު ވިދާޅުވިއެވެ.
"ބަންކަރިންގެ ހިދުމަތަކީ ދޭންޖެހޭ ހިދުމަތެއް. އެ ސަރަހައްދުން ދަތުރުކުރާ ބޯޓު ފަހަރަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން މި ތިބީ ތައްޔާރަށް. އަދި ރާއްޖޭގެ އެހެން ދިމާލަކުން ވެސް ބައިނަލްއަގްވާމީ ބޯޓު ފަހަރަށް ދޭންޖެހޭ ހިދުމަތަކުން ރާއްޖޭގެ އިގްތިސޯދަށް ފައިދާވާ ކަމެއް ވާ ނަމަ، އެކަން ކުރާނަން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މެމްބަރުން އެ ސުވާލުތައް ކުރައްވަމުން ގެންދަވަނީ ނިމިދިޔަ ސަރުކާރުން ވެސް އެކަމުގެ މަސައްކަތްތަކެއް ކުރީމަ ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި 1993 ވަނަ އަހަރު ވެސް އެކަހަލަ ވާހަކައެއް ދެކެވިފައިވެއެވެ.
""އިހަވަންދިއްޕޮޅުގެ މަސައްކަތް ވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަން. އައިހެވަންގެ ނަން އައީމަ އަޅުގަނޑު ދަންނަވާލަން 1993 ގައި ވެސް ބަނދަރުގެ މަސައްކަތާއި ބަންކަރިން ވާހަކަ ދެކެވިފައި ހުންނާނީ. އެކަމަކު ބްރޭންޑްކުރެވިގެން އައިހެވެންގެ ނަން އައިސްފައިވާނީ 2014 ވަނަ އަހަރު،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ވެސް ބަނދަރު ހަދާނެ ކަމަށާއި އެ ހަދާނެ ތަން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!