އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވާ ކަން އެނގިއްޖެއެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެއެވެ. ހަވަނަ ބައްދަލުވުން މިފަހަރު އޮތީ މޮރިޝަސްގައެވެ.
މޮރިޝަސްގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވީ ލަންކާ އާއި އިންޑިއާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ކަމަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ސީޝެލްސް އާއި ބަންގްލަދޭޝްގެ ވަފުދެއް ވެސް ބައިވެރިވި ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެ އިން ބައިވެރި ނުވެ ޗައިނާގެ ބެއިޖިންގައި މިދިޔަ ހަފުތާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވުމުން ބައެއް ފަރާތްތަކުގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. އަދި އިންޑިއާގެ ނޫސްތަކުގެ ސަމާލުކަމަށް ވެސް މިކަން ވަނީ އައިސްފައެވެ. ޗައިނާގައި އޮތް މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާ އާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވާކެކެވެ. މިފްރޭމްވާކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމެވެ.
މި ބައްދަލުވުން އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރު ރާއްޖޭގައެވެ. އެ ފަހަރު ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!