ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޢުލީމާއި ތަމްރީނު ދިނުން އެންޓި ކޮރަޕްޝަން އެކެޑެމީއެއް އުފައްދައި، އެ އެކެޑަމީގެ މަސައްކަތް ފަށަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުވެއްޖެއެވެ.

މާދަމާ އަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުއެވެ. މި އެކަޑަމީގެ މަސައްކަތް ފަށަން އޭސީސީން ނިންމާފައި ވަނީ އެދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ޖަލްސާ ގައެވެ.

Ad
rt

މި އެކެޑެމީގެ މަޤްސަދަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޢުލީމާއި ތަމްރީނު ދިނުމުގެ އިތުރުން އެ މިދާއިރާ އާއި ގުޅޭ ދިރާސާތައް ކުރުމާއި، މުޖުތަމަޢު ތެރޭގައި ހޭލުންތެރިކަން އުފެއްދުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި އެކެޑަމީ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން ކޯސްތައް ފަރުމާ ކުރުމާއި، އެކްރެޑިޓޭޝަނަށް ފޮނުވުމުގެ މަސައްކަތް މިހާރު ހިނގަމުން އަންނަކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި އެކަޑެމީގެ މަސައްކަތްތައް ފަށާއިރު ކިޔަވައިދޭން ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވަލް ހަތަރެއްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް އޭސީސީން ކުރިއަށް ގެންދާ ހަރަކާާތްތަކުގެ ތެރެއިން، ސްކޫލް އެސެމްބްލީތަކުގައި އިންޓެގްރިޓީ ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ގެންދަވަމުންނެވެ.