ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ފެންނަން ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކާ އިރު، އެއަށް ވުރެ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވިއެވެ.
ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވެފައިވާތީ އެކަމާ ގުޅޭ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލިހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.
އެ ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މިންވަރު މި ސަރުކާރުން ހާމަކުރާނެ ކަމަށެވެ. އެކި މުއައްސަސާތަކުން ދެނީ އެކި އަދަދު ކަމަށާއި އެއްވެސް ލިޔުމަކާ ނުލައި ވެސް ބައެއް ސިފައިން ތިބި ކަމަށް ބުނަމުންދާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
"މިއުޅެނީ މީގެކުރިން ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުން ބާއްވައި ކަމެއް ނުނިންމި މުޅި ދުނިޔެއަށް ޗަރުކޭސް ކުޅުނު ކުޅުމުގެ ބަދަލުގައި އިއްޔެގައި ހަތް ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއް ސަރުކާރުން ބާއްވައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ނިންމުމުން އެކަމާ ހަޖަމް ނުވެގެން ހުށަހަޅައިގެން އުޅޭ މައްސަލައެއް މި މައްސަލައަކީ. ރައްޔިތުން ބޭނުން ވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި ވިނަރެސް ފްލެޓުތަކުގެ ކުލީގެ ޑައުންޕޭމަންޓް %50 އަށް ކުޑަ ކުރުމާއި މެޑިކަލް ޗެކަޕާއި އައިވީއެފް އާސަންދައިގެ ތެރެއިން ހެދޭ ގޮތަށް ނިންމުމާއި ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމުކުރުމާއި ކައުންސިލްތަކަށް ބާރު ދިނުމުގެ ގޮތުން ރަށްރަށުގައި ހުންނަ ފަޅު ރަށްރަށް ކައުންސިލްތަކަށްދޭ ގޮތަށް ނިންމުމާއި ހިލޭ ހައްޖަށް ދެވޭ ގޮތަށް ނިންމުމަކީ ރައްޔިތުންގެ ފައިދާ އަށް މި ސަރުކާރުން ކުރި ކަމެކެވެ.
އެހެންވެ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މި ކަންކަމުގެ އަޑު ކަނޑުވާލައި ނޫސްތަކުގައި ހެޑްލައިން ޖަހަން ކަމުގައި ނަސީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!