ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޔުނާން ޕްރޮވިންޝަލް ގަވަރންމަންޓް ސްކޮލަޝިޕްގެ ދަށުން ޔުނާން ޔުނިވާސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާއާ ގުޅޭގޮތުން ނައިބު ރައީސް މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުން އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ނައިބު ރައީސް އަރިހު ޙިއްޞާ ކުރައްވާފައިވާއިރު، މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތައް ސަރުކާރަށް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

މިގޮތުން ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމުގެ މަސައްކަތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެ، އެމައްސަލައަށް ކައިރި މުސްތަޤްބަލެއްގައި އަވަސް ޙައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާއިރު، މި ފޯރަމްގައި އެމަނިކުފާނު ތަޤްރީރު ކުރައްވާނެއެވެ.

މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބުގެ އަރިހުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.