ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވޯލްޑް ލީޑާސް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް ތަޤުރީރު ކުރައްވާނެއެވެ. މިއީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ކުރައްވާ މިފަދަ ފުރަތަމަ ތަޤްރީރެވެ.
ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިސަމިޓުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގަންވައެވެ.
ކޮޕް28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި 30 ނޮވެމްބަރު 2023 އިން 12 ޑިސެންބަރު 2023 އާ ހަމައަށެވެ.
މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!