ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ލިވަޕޫލާއި ބްރައިޓަން ޖާގަ ހޯދައިފިއެވެ.

ގްރޫޕް އީގައި ރޭ ލިވަޕޫލާއި ލާސްކް ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ލިވަޕޫލެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ކޮންމެ ހާފެއްގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ލުއިސް ޑިއާޒްއެވެ. އޭގެ ތިންމިނެޓް ފަހުން ލިވަޕޫލަށް ދެވަނަ ލަނޑު ޖަހައިދިނީ ގަކްޕޯއެވެ. ލިވަޕޫލުގެ ތިންވަނަ ލަނޑު 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ސަލާހް ކާމިޔާބު ކޮށްދިންއިރު ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ގަކްޕޯއެވެ.

Ad
rt

މި މޮޅާއިއެކު މި ގްރޫޕްގެ އެއްވަނަ ލިވަޕޫލަށް ވަނީ ޔަގީންވެފައެވެ. މިވަގުތު އެ ޓީމް އެއްވަނާގައި އޮތީ ފަސް މެޗުން ލިބުނު 12 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓް ހޯދި ޓުލޫސްއެވެ. ތިންވަނާގައި ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު އޮތީ ޔޫނިއަން ސެއިންޓް އެވެ. ފުލުގައި އޮތް ލަސްކް އަށް ލިބިފައި ވަނީ ފަސް މެޗުން ތިން ޕޮއިންޓެވެ.

މި ގްރޫޕްގެ ފަހު މެޗުތަކުގައި ލިވަޕޫލް ރަށުން ބޭރުގައި ނުކުންނާނީ ޔޫނިއަން ސެއިންޓް އާއި ދެކޮޅަށެވެ. ދެވަނާގައި އޮތް ޓުލޫސް ނުކުންނާނީ ލަސްކް އާއި ދެކޮޅަށެވެ.

ގްރޫޕް ބީގައި ރޭ ބްރައިޓަން އިން ވަނީ 1-0 ގެ ނަތީޖާއިން އޭއީކޭ އެތެންސް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި އަލަށް ވާދަކުރާ ބްރައިޓަން އަށް ބޮޑު ކާމިޔާބީއެކެވެ. އެ ޓީމަށް ރޭ ލަނޑު ޖަހައިދިނީ 55 ވަނަ މިނެޓުގައި ލިބުނު ޕެލަންޓީއަކުން ޕެޑްރޯއެވެ.

މި ގްރޫޕް އެއްވަނާގައި ފަސް މެޗުން ލިބުނު 11 ޕޮއިންޓާއި އެކު އޮތީ މާސޭއެވެ. ދެވަނާގައި ބްރައިޓަން އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ ފަހު މެޗުގައި ބްރައިޓަން ނުކުންނާނީ މާސޭއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން އެއްވަނަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.