އެވްރެޖް އެންމެ ދުވަސްވީ ކުޅުންތެރިން ފުރަތަމަ އެގާރާގައި ހިމަނައިގެން ރޭ ޕީސެސްވީ އެންދޮވެންއާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުތް މެޗުން ސެވިއްޔާ ބަލިވެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ނުލިބި އެ ޓީމް ކަޓައިފިއެވެ.

ރޭ މެޗަށް ސެވިއްޔާ ނެރުނު ފުރަތަމަ އެގާރައިގެ އެވްރެޖް އުމުރަކީ 32 އަހަރާއި 19 ދުވަހެވެ. މީގެ ކުރިން އެންމެ ދޮށީ އެގާރައެއް ލައިގެން ޗެމްޕިއަންސް ލީގު މެޗެއް ފެށި ޓީމެއް ގޮތުގައި އޮތީ އިންޓަ މިލާނެވެ. އެ ޓީމުން ވަނީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި އެވްރެޖް އުމުރު 31 އަހަރާއި 331 ދުވަހުގެ ޓީމެއް ކުޅެން އަރުވާފައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ސެވިއްޔާއިންނެވެ. ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ރަކިޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްހައި ޖަހައިދިނީ ރާމޯސްއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޖެހި 10000 (ދިހަހާސް) ވަނަ ލަނޑެވެ. އުމުރުން 37 އަހަރުގެ ރާމޯސް ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑުޖެހި ހަތަރުވަނައަށް އެންމެ މުސްކުޅި ކުޅުންތެރިޔާއަށެޗެ. އެންމެ ދޮށީ އުމުރުގައި ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ރާމޯސްއާއިއެކު ރެއާލް މެޑްރިޑުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕޯޗުގަލްގެ ސެންޓަ ބެކް ޕެޕޭ އަތުގައެވެ. އޭނާ ވަނީ އުމުރުން 40 އަހަރުގައި ޗެމްޕިއަންސް ލީގުގައި ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ލަނޑު 47 ވަނަ މިނެޓުގައި މާކޮސް އަކޫނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައި ދިނީ އެން ނެސީރީއެވެ. މެޗުގައި ސެވިއްޔާއަށް މައްސަލަ ދިމާވީ 66 ވަނަ މިނެޓުގައި އެ ޓީމްގެ އޮކަމްޕޮސްއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. ރަތްކާޑު ދެއްކިތާ ދެ މިނެޓް ފަހުން ޕީއެސްވީގެ ފުރަތަމަ ލަނޑު ސައިބަރީ ޖެހިއިރު 81 ވަނަ މިނެޓުގައި ގުޑެލީ ވަނީ ލަނޑުޖަހައި ޕީއެސްވީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ޓީމް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ރިކާޑޯ ޕެޕީ ކާމިޔާބުކުރި ލަނޑުންނެވެ. އިތުރު ވަގުތުގެ ތެރޭ ސެވިއްޔާގެ ފާނަންޑޯއަށް ރަތްކާޑު ދެއްކުމާއި ގުޅިގެން އެ ޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއި އެކުގައެވެ.

މި ގްރޫޕްގައި ރޭ އާސެނަލުން ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިން ލެންސް ބަލިކޮށް ފަސް މެޗުން ހޯދި 12 ޕޮއިންޓާއިއެކު ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ދެވަނާގައި ފަސް މެޗުން 8 ޕޮއިންޓް ހޯދައިގެން އޮތީ ޕީއެސްވީއެވެ. ލެންސް އޮތީ ތިންވަނާގައެވެ. އެ ޓީމަށް ފަސް މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

މި ގްރޫޕްގެ ފަހު މެޗުތަކުގައި އާސެނަލް ނުކުންނާނީ ޕީއެސްވީއާއި ދެކޮޅަށެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެން ދެވަނަ ބުރުނަ ޖާގަ ހޯދުމުގެ ފުރުޞަތު ޕީއެސްވީއަށް އެބައޮތެވެ. ތިންވަނާގައި އޮތް ލެންސް ފަހު މެޗުގައި ސެވިއްޔާ އަތުން ރަނގަޅު ނަތީޖާއެއް ނެރުނު ނަމަވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް އެ ޓީމަކަށް މިހާރު ނެތެވެ.