ދިވެހިރާއްޖެ އާއި ތުރުކީ ވިލާތާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެއްޖެއެވެ.

މި މަގުޗާޓަށް އެއްބަސްވެފައި ވަނީ، ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރެއިންނެވެ.

Ad
rt

އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ވަނީ ރައީސް މުޢިއްޒު ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޢާދަކުރަނިވި ހަކަތައާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރައްވާނެކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، ތުރުކީވިލާތުގެ ރައީސް އުރްދުޣާން ވަނީ، ޑރ. މުޢިއްޒު ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީވިލާތް ޚިޔާރުކުރެއްވުމަކީ އެމަނިކުފާނަށާއި، އެޤައުމުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި އުރްދުޣާން ވިދާޅުވިއެވެ.

ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ރޭ ނިންމަވާލެއްވުމަށްފަހު ދެ ޤައުމުގެ ފަރާތުން. ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި ރޭ ވަނީ، "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. ތުރުކީވިލާތުގެ ފަރާތުން، ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑޮކްޓަރ އޮމަރ ބޮލަޓްއެވެ.