ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ.

އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ.

Ad
rt

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ޖޭއެސްސީން އަލީ އާދަމްގެ މައްސަލަ މަޖިލީހަށް ފޮނުވުމުން މަޖިލީގެ ޖުޑީޝަރީ ކޮމިޓީން، 16 އޮކްޓޯބަރު 2023ގައި ވަނީ އޭނާ އަށް ޖަވާބުދާރީވާން ފުރުސަތު ދީފައެވެ.

މިއަދުގެ ކޮމެޓީގައި ކޮމެޓީގެ މުޤައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވިގޮތުގައި، އެ މައްސަލައިގައި ޖަވާބުދާރީވުމަށް ތައްޔާރުވެ ވަކީލަކާއެކު ހާޒިރުވެވޭނީ މިއަދުކަމަށް މީގެ ކުރިން އަލީ އާދަމް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް މިއަދު ހާޒިވެވަޑައިގެންނަވަން ވެސް އުޒުރުވެރިވެފައިވާ ކަމަށެވެ.

''އޭރު އަޅުގަނޑުމެން އެންގީ ތިން ދުވަހުގެ ތެރޭ ވަޑައިގަންނަވާށޭ. އެހެނަސް ވިދާޅުވީ މައްސަލަ އިތުރަށް ދިރާސާކޮށް ތިމަންނައަށް ވަކީލަކާއެކު ހާޒިރު ވެވޭނެ ދުވަހަކީ ނޮވެމްބަރުމަހުގެ 27ވަނަ ދުވަހޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވެފައިވާ ގޮތުގައި މިއަދު ވެސް އަލީ އާދަމްގެ ފަރާތުން ސިޓީއެއް ވަނީ ކޮމެޓީއަށް ލިބިފައެވެ. އެ ސިޓީގައި އަދިވެސް މައްސަލައިގައި ޖަވާބުދާރީވުމަށް ތައްޔާރު ނުވެވޭ ކަމަށް ވިދާޅުވެފައިވާ ކަަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، އަލީ އާދަމް ކޮމެޓީއަށް ހާޒިރުވެ ޖަވާބްދާރީވަން ފަހު ފުރުސަތު ދިނުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.