މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުން ކުރީގެ ސަރުކާރުން އިސްލާހުކޮށް އެ މަޝްރޫއު ނިމޭނެ ތާރީހު ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ އިންޑިއާގެ އެފްކޮންސްއާ އެކު ސޮއިކޮށްފައިވާ ބްރިޖް އެއްބަސްވުމުގެ ދަށުން ސަޕްލިމެންޓްރީ އެގްރީމަންޓެއް ހަދާފައިވާ ކަމަށެވެ. އެ ސަޕްލިމެންޓްރީ އެގްރީމަންޓުގައި ކުރީ ސަރުކާރާއި އެފްކޮންސްއާ ދެމެދު ސޮއިކޮށްފައި ވަނީ ވެރިކަން ނިމެން އެއް ދުވަހަށްވީ ތަނާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޮއިކޮށްފައިވާ އިސްލާހުތަކުގައިވާ ގޮތުން އަސްލު ސޮއިކުރި އެއްބަސްވުމަށް ވުރެ ބްރިޖް ނިންމަން މިހާރު ދީފައިވާ މުއްދަތު އެ ކުންފުންޏަށް އިތުރުކޮށްދީފައިވާ ކަމަށް ވެސް މުއްތޮލިބް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 16، 2021 ގައެވެ. އެ މަޝްރޫއުގެ ކޮންސަލްޓަންޓަކީ އަރުޕް ލިމިޓެޑެވެ.
އެފްކޮންސްއާ ދެމެދުގައި ފުރަތަމަ ގާއިމު ކުރި އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް މައިގަނޑު ގޮތެއްގައި ބެހިފައި އޮތީ ދެ ބަޔަކަށެވެ. އެއް ބަޔަކީ މާލެ އިން ފެށިގެން ގުޅާލުމެވެ. އެ މަސައްކަތް ނިންމަން އެއްބަސްވީ 27 މަސް ދުވަހުގެ ތެރޭގަ އެވެ. އެއީ އަންނަ މަހުގެ 14 ގައެވެ. ދެވަނަ ބަޔަކީ ވިލިމާލެ އިން ފެށިގެން ގުޅީފަޅާއި ތިލަފުއްޓާ ގުޅާލުމެވެ. އެ މަސައްކަތް ނިންމުމަށް އެއްބަސްވެފައި ވަނީ 32 މަސް ދުވަހުގެ ތެރޭގަ އެވެ. އެހެންވެ، އަންނަ އަހަރުގެ މެއި 17 ގައި މަސައްކަތް ނިންމަން ޖެހެއެވެ.
މި މަޝްރޫއުގެ ދަށުން ތިން ވަނަ ބައެއް ވެސް ހިމެނެއެވެ. އެއީ ޕާކިން ސްޕޭސްގެ ގޮތުގައި ކަނޑައަޅާފައި ނިންމަން ޖެހޭ މަސައްކަތެވެ. އެ މަސައްކަތް ނިންމައި މިހާރު ވަނީ ހަވާލުކޮށްފައެވެ.
މުއްތޮލިބް ވިދާޅުވީ މިއަދާ ހަމައަށް މަސައްކަތް ރޭވިފައި އޮތް ގޮތަށް ކުރިއަށް ދިޔަ ނަމަ، ފުރަތަމަ ބައިގެ 96.4 ޕަސަންޓު އޮންނަން ޖެހޭނީ ނިމިފައި ކަމަށެވެ. އަދި ދެވަނަ ބައިގެ 81.13 މަސައްކަތް އޮންނަން ޖެހޭނީ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް އައިއިރު މުޅި މަސައްކަތުގެ 81.71 ޕަސަންޓު އޮންނަން ޖެހޭނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި މަހުގެ 15 އާ ހަމައަށް ނިމިފައިވަނީ މުޅި ބްރިޖްގެ 29.34 އިންސައްތަ މަސައްކަތް ކަމަށާއި މިއީ މަސައްކަތް ކުރިއަށްދާންޖެހޭމަ މިންވަރަށް ބަލާއިރު މިއީ 52 އިންސައްތައިގެ މަދުވުމެއް ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.
"ޔަގީންވެފައި މިއޮތީ ޕްރޮޖެކްޓް ކަނޑައެޅިފައިވާ މުއްދަތަށް ނުނިންމޭނެ ކަން،" މުއްތޮލިބް ވިދާޅުވިއެވެ.
މުއްތޮލިބް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު، ސަރުކާރުން ދޭން ޖެހޭ ބިންތަކެއް ވެސް އެބަހުރި ކަމަށެވެ. ހާއްސަކޮށް ތިލަފުށީގެ ދެކުނު ފަރާތުން ހަވާލު ކުރަން ޖެހޭ ބިން ހިއްކައި ހަވާލު ކުރެވިފައި ނުވާ ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.
މިހާރު މާލެއިން ފެށިގެން ވިލިމާލެއާ ހަމައަށް ގުޅާލުމަށް އަނގަ ބަހުން އެއްބަސްވެފައި ވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް މުއްތޮލިބް ވިދާޅުވި އެވެ. އެކަމަކު، މިއީ އެގްރީމަންޓްގައި އޮތް ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިމާލެ އިން ގުޅިފަޅަށް ގުޅާލުމަށް 2025 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް އެގްރީމަންޓްގައި ކަނޑައަޅާފައިވާ އިރު، ބްރިޖްގެ ބާކީ ބައި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ނިންމަން ކަނޑައަޅާފައިވާ ކަމަށް މުއްތޮލިބް ވިދާޅުވިއެވެ.
"ސަޕްލިމެންޓްރީ އެއްބަސްވުމާއެކު ކުރިން 820 ދުވަހުން ނިންމަން އޮތް މަސައްކަތެއް މިހާރު އެއްބަސްވެފައިވަނީ 1،658 ދުވަހުން ނިންމަން. ކުރިން 975 ދުވަހުން ނިންމަން އޮތް ސެކްޝަން ބީ [ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުން] ނިންމަން މިހާރު އޮތީ 1،841 ދުވަހުން." މުއްތޮލިބް ވިދާޅުވިއެވެ.
މުއްތޮލިބް ވިދާޅުވީ ސަރުކާރާ އެކީގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމުން މިހާރު އެންމެ މުހިންމު ކަމަކީ މި ޝެޑިއުލް އިން ކައްސާލައިގެން ދިޔަ ނުދިނުން ކަމަށެވެ. ދެ ވަނަ ކަމަކީ އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދައި އެކަމާ ގުޅޭ މަސައްކަތްތައް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!