ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒު ކުރުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕްރައިމަރީގައި މުހައްމަދު މަމްދޫހު (މަންޑޭ) ވާދަކުރަން ނިންމައިފިއެވެ.
ޕީޕީއެމް އުފެދުނީއްސުރެ، ޕާޓީގެ ފިކުރު ކުރިއެރުވުމަށް ފުނަދޫ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ މަންޑޭ ވިދާޅުވީ، އާ ސަރުކާރު ގެނައުމަށް ފުނަދޫ ދާއިރާގެ ރައްޔިތުން ބޮޑު އަގުލަބިއްޔަތެއް ދީފައިވަނީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން ހިތުގެ އަޑިން ގަބޫލުކުރާތީ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު މިފަހަރު މި ނުކުންނަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯ ފިލިން ފިއްޔަށް އަކުރުން އަކުރަށް ތަންފީޒުކުރުމަށް" އޭނާ ވިދާޅުވިއެވެ.
އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ޑިގުރީ ހާސިލްކުރައްވާފައިވާ މަންޑޭއަކީ 2013، އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ޕީޕީއެމްގެ މައި އޮފީހުގައި މުހިއްމު ދައުރެއް އަދާކޮށްދެއްވި ބޭފުޅެކެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވަނީ ރައީސް ޑރ. މުއިއްޒުއަށް ތާއީދު ހޯދުމަށް އިސްވެ ހަރަކާތްތެރިވެފައިވެއެވެ.
މި ފަހަރުގެ ކެންޕޭނުގައި މަންޑޭ ފާހަގުކުރެވުނީ އެމްޑީޕީގެ ސަރުކާރުން ދައްކަމުން ދިޔަ ވަޒީފާގެ ބިރަށް ބެލުމެއްނެތި، ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައި ހުރެ، ފާޅުގައި ނުކުމެ ސަރުކާރުގައި ހުރި މައްސަލަތައް ފާހަގަކުރި ޒުވާނެއްގެ ގޮތުގައެވެ. ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ ކެންޕޭނުގައި އެކި ފަހަރު މަތިން މަމްދޫހުއަށް ހިތްވަރުދެއްވާ ވާހަކަދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!