ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް މިއަދު އޮޅުންފިލުއްވައިފިއެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސް ޒިޔާރަތް ކުރެއްވީ މިއަދު ހަވީރު އެވެ.

Ad
rt

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހަވީރު ރައީސް ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. އެގޮތުން ރޭމްޕް ސަރަޙައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ.

ތިލަމާލެ ބްރިޖު އަޅާނީ އަޅުގަނޑު: މުއިއްޒު

އޭގެފަހުން ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވެސް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން ވެސް އެމަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މި ބްރިޖުގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ސަރުކާރުގެ 'ހަފްތާ 14' ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ވަނީ ހިމަނާފައެވެ.