ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢަބްދުލްމާނިޢު ޙުސައިން އިއްޔެ ޢައްޔަނު ކުރައްވައިފިއެވެ.
ހއ. އިހަވަންދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޤާނޫނީވަކީލު އެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)ގެ މެންބަރު ކަމުގެ މަޤާމެވެ.
މާނިޢު ޖޭއެސްސީން އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މާނިއު ޖޭއެސްސީގައި ފުރުއްވީ ވަކީލުންގެ ތެރެއިން އިންތިިޚާބު ކޮށްފައިވާ މެމްބަރުކަމެވެ.
ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ މާނިޢު އަކީ 2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ އަދާކުރައްވާ، ޝަރުޢީ ދާއިރާގައި 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
މާނިޢު ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރަން ޖޭއެސްސީން ނިންމީ 15 ނޮވެމްބަރު 2023 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 4 ވަނަ ބައްދަލުވުމުގައެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލު މި މަހުގެ 15 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!