ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުންނެވެ.
ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ދެވަނަ ޖަލްސާ ފެށީ ހަވީރު 16:00 ގައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް އެވެ.
ޖަލްސާ ފެއްޓެވުމަށްފަހު، މައްސަލައިގެ ބަހުސްގެ ދިގު މިނާއި، ޕާޓީތަކަށް ބަހުސްގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ވަގުތު ވިދާޅުވުމަށްފަހު ޝަރީފް ވަނީ މަޖިލީހުގެ ރައީސްގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވުމާއެކު ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔުމުގެ މާނައެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އެއަށްފަހު މެންބަރުން އެދިވަޑައިގަތުމުން ނަޝީދު އިސްތިއުފާ ދެއްވައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ފޮނުއްވާފައިވާ ސިޓީ ރިޔާސަތުން ވަނީ އިއްވަވާފައެވެ. އެ ސިޓީ އިއްވުމަށްފަހު ރިޔާސަތުން ވަނީ، އެއީ ނަޝީދު ފޮނުއްވި އިސްތިއުފާގެ ސިޓީއެއްތޯ ކަށަވަރުކުރުމަށް އެކަން ވިދާޅުވެ ދެއްވަން ނަޝީދު އަރިހުން އެދިވަޑައިގެންފައެވެ.
''އިއްޒަތްތެރި ރައީސް މިތާ ހުންނެވިމާއެކު އަޅުގަނޑު މަނިކުފާނަށް ފުރުސަތު އަރުވަން މިއީ މަނިކުފާނު ފޮނުއްވި އިސްތިއުފާތޯ ކަށަވަރުކުރުމަށް'' ރިޔާސަތުގައި އިންނެވި ޝަރީފް ވިދާޅުވެފަ ވެއެވެ.
އެއާއެކު ނަޝީދު ވަނީ '' އާދެ އިއްޒަތްތެރި ރައީސް'' ވިދާޅުވެ، އެއީ އެމަނިކުފާނުގެ އިސްތިއުފާ ރިޔާސަތަށް ކަށަވަރުކޮށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!