ހދ. މަކުނުދޫގައި އެއާޕޯޓެއް ގާއިމު ކުރުމަށް ބިން ހިއްކަމުންދާ ސަރަހައްދަށް ވަނުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.

މަކުނުދޫގައި އެއާޕޯޓު އަޅަން ބިން ހިއްކާ ސަރަހައްދަށް ވަދެއުޅުން އެރަށު ކައުންސިލުން މަނާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

Ad
rt

އެކަން އަންގައި މަކުނުދޫ ކައުންސިލުން އާންމުކުރެއްވި އެންގުމުގައި ވިދާޅުވެފައި ވަނީ، އެއާޕޯޓު އެޅުމަށް ބިންހިއްކާ ސަރަހައްދާއި، ހަދަމުންދާ ވެލިބަންޑު އަދި ޖަހަމުންދާ ޖީއޯބަންޑުގެ މައްޗަށް ބައެއް މީހުން އަރަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން އެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ބައެއް މީހުން ވަންނަމުންދާކަން ވެސް އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

''ވީމާ، މިއަދުން ފެށިގެން އެއްވެސް ފަރާތަކުން އެއާޕޯޓު އަޅަން ބިންހިއްކާ ސަރަހައްދަށް ވަނުމަކީ މަނާކަމެއްކަން އަންގަމެވެ.'' ބުރާސްފަތި ދުވަހު މަކުނުދޫ ކައުންސިލުން އާންމުކުރި އެންގުމުގައި ވިދާޅުވެފަވެއެވެ.

މަކުނުދޫ އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައިވާއިރު، ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ ކޮންޓެކްޓަރަކީ ބިގް ފިޝް އެވެ. 550 ދުވަހުގެ ތެރޭގައި ނިންމާގޮތައް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ މި ދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. މި ސައްކަތުގެ އަގަކީ 16 މިލިއަން ޑޮލަރެވެ.

މަކުނުދޫ ގައި ތަރައްގީ ކުރަން ނިންމާފައި ވަނީ 1500 މީޓަރުގެ ރަންވޭ އެކެވެ.