ހަތިޔާރު އެޅި ގްރޫޕަކުން ހައްޔަރުކުރި ލިވަޕޫލްގެ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފިއެވެ.
ޑިއާޒްގެ ބައްޕަ ރަހީނު ކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ނެޝަނަލް ލިބަރޭޝަން އާމީ" (އީއެލްއެން) އެވެ.
ކޮލަމްބިއާގައި ޑިއާޒްގެ ބައްޕައާއި މަންމަ ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ. ރަހީނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުން މަންމަ ދޫކޮށްލި ނަމަވެސް ބައްޕަ ދުލެއް ނުކޮށްލައެވެ.
ޑިއާޒްގެ ބައްޕަ ހޯދުމަށް ކޮލަމްބިއާގެ ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ. އެނާ ދުކޮށްލުމާއިއެކު މިހާރު ހެލިކޮޕްޓަރެއްގައި ވަނީ އެ މީހުން ދިރިއުޅޭ ވެލެޑުޕާ ސިޓީއަށް ގެންގޮސް މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު އާއިލާއާއި ހަވާލު ކޮށްފައެވެ.
ޑިއާޒްގެ ބައްޕަ ދޫކޮށްލުމާއިއެކު އެ ސަރަހައްދުގެ ގިނަބަޔަކު ވަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އޭގެ ތެރެއިން ގިނަބަޔަކު ވަނީ ލުއިސް ޑިއާޒް ލިވަޕޫލުގައި ބޭނުންކުރާ 23 ނަމްބަރު ޖޯޒީގައި ނުކުމެ އުފާފާޅުކުރުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
މިދިޔަ ހަފްތާ ބަންދުގައި ލިވަޕޫލުން ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ޑިއާޒް ވަނީ އުފާފާޅުކުރުމުގެ ތެރޭގައި އޭނާ ބައްޕަ މިނިވަން ކުރުމަށް ގޮވާލައި ބޮޑީޝޫޓްގައި ލިޔެފައިވާ މެސެޖްވެސް ދައްކާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!