ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމި އިރު، އެ ފައިސާ ހޯދީ މި ސަރުކާރަކުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހޯދުމުގެ މަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށާއި އެއީ މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން އައި ނިންމުމެއް ނޫން ކަމަށެވެ.
އަމީރުގެ އެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އޮޅުވާލުމާއި މަކަރާއި ހީލާތް ރައްޔިތުން ބަލައިނުގަންނަ ކަން ރީތިކޮށް ފެންނާނެ ކަމަށެވެ.
"ރޯމާ ދުވާލު މިވަރުގެ ބޮޑެތި ދޮގުތައް ހަދާއިރު، ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭގެފަހުގައި އަބްދުއްރަހީމް ވިދާޅުވީ އެއާޕޯޓު މަޝްރޫއަށް ބޭނުންވާ 80 މިލިއަން ޑޮލަރަކީ ރައީސް ސޯލިހްގެ ސަރުކާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ. އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހަމަޖައްސަވައި ދެއްވި އެހީއެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން އިންތިގާލީ ކޮމިޓީގެ، ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ހަފުތާގައި މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް އެ ގައުމުގެ ސަރުކާރުގައި އެދިވެޑައިގެންނެވި ކަމަށެވެ.
ފިރުޒުލް މިއަދު ފާހަގަކުރެއްވި ގޮތުގައި ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ދިގުލައިގެންގޮސް، ޑިޒައިނަށް ގެނައި ބަދަލުތަކާ އެކު، އެ މަޝްރޫއު ނިންމުމަށް އިތުރަށް 79.80 މިލިއަން ޑޮލަރު ވަނީ ހޯދަން ޖެހިފައެވެ.
"މި ފައިސާ ހަމަޖެހިގެން ދިއުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ،" ފިރުޒުލް މިއަދު ވިދާޅުވެފަވެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިންތިޒާމްކޮށްގެން، މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ދިވެހި ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް މުއިއްޒު ވަނީ އެއާޕޯޓުގެ މަސައްކަތް އަވަހަށް ނުނިމޭނެ ކަމުގެ މައުލޫމާތު ޓްރާންސިޝަން މަރުހަލާގައި ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ހިނގާގޮތުން އެތަން ނިމޭނީ 2025 ވަނަ އަހަރުގެ ޖުލައިހާ ތާގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ މަސައްކަތް އެހާ ދިގުލައި ނުނިމި އޮތުމަކީ ގަބޫލު ކުރެވެ ކަމެއްނޫން ކަމަށާއި، އެއާޕޯޓުގެ މަސައްކަތް އެއަށްވުރެ އަވަސްކުރަން ބޭނުންވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ފެށޭ 2024 އަހަރުގެ ސެޕްޓެމްބަރަށް އެންމެ ލަސްވެގެން މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!