ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައި ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ މިއީ އެތަނާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މޯލްޑިވްސް ޖުޑިޝަރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 14 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޑިސެންބަރު ވާ ބުރާސްފަތި ދުވަހާއިހަމައަށެވެ.
އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކޮންމެ ޒުވާނަކަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހޮވޭނީ 40 ޒުވާނުން ކަމަށް ޔޫއެންޑީޕީ މޯލްޑިވްސް އިން ބުނެއެވެ.
''މީގެ އިތުރުން ޕްރޮގްރާމު އިންތިޒާމުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަންހެނުންނަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ މަސައްކަތްކުރެވިފައި'' ޔޫއެންޑީޕީ މޯލްޑިވްސް ބުނެފަވެއެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ވަކީލުންނާއި ޖޭއެސްސީގެ މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންނާއި ޔޫއެންޑީޕީގެ މުވައްޒަފުން ހިމެނޭހެން ފެސިލިޓޭޓަރުންގެ ޓީމަކުންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފޯމު: ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!