މިހިނގާ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހުޅުމާލޭގައި، ވަޅިން ހަމަލާދީ އަނިޔާވެރިކޮށް ގަތުލުކޮށްލެވުނު އދ. މާމިނގިޔަށް އުފަން އުމުރުން 59 އަހަރުގެ ޤާސިމް ޙަސަންގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރިމީހާގެ ހައްޔަރުގެ އަމުރު ސޯސަލް މީޑިއާގައި ލީކު ކޮށްލައިފިއެވެ.
ލީކުކޮށްލާފައިވާ ކޯޓު އަމުރުގައި ވާގޮތުން ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފު ވުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދުގެ މައްޗަށެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ، މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ، ކަން ހިނގި ގޮތް އަދުހަމް ކިޔައިދީފައިވާ ކަމަށެވެ. އަދި އޭނާ ގާސިމް މަރާލި ކަމަށް އިއުތިރާފުގެ ބަޔާން ލިޔެ ސޮއިވެސް ކޮށްފައިވާ ކަމަށެވެ.
އޭނާ ކުރި ކުށުގެ ބާވަތުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެތީވެ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
އެ މަރުގެ ތަހުގީގުގެ އިތުރު ތަފްސީލް ހާމަކުރުމަށް މި ހަފްތާ ތެރޭ ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!