"ވީކޭ ޕީކާރސް" އޭ ބުނެފިނަމަ އެއީ ކީއްކުރާ ކޮން ބައެއް ކަން އިނގޭނީ މަދު ބަޔަކަށެވެ. ވީކޭ ޕީކާރސް އަކީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ ޒުވާން ކުދިންތަކެއް ހިންގާ ޕޭޖް އެކެވެ. މިކުދިންނަކީ ރާއްޖޭގައި ވަރަށް މަދުން ކުޅޭ ކުޅިވަރެއް ކަމުގައިވާ ޕާކޯ އަދި ފްރީ ރަނިންގް ކުރާ ކުދިންތަކެކެވެ. މިކުދިން ކުރާ ހަމަ އެކަނި ކަމަކީ އެއީ އެއް ނޫނެވެ. މި ޒުވާން ކުދިންތައް އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައު އަށް ފައިދާ ކުރާނެ ފަދަ ކަންކަން ކުރުމަށެވެ.

އެގޮތުން އިއްޔެ މިކުދިން ވަނީ " ވީކޭ ޕީކާރސް ބީޗް ކްލީންއަޕް" ނަމުގައި ވައިކަރަދޫގެ ތުނޑި ސާފު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އިއްޔެ ކުރިއަށް ގެންދިޔަ ބީޗް ސާފު ކުރުމުގެ ޕްރޮގްރާމު އަކީ ވީކޭ ޕީކާރސް އިން ކުރިއަށް ގެންދިޔަ އެފަދަ ފުރުތަމަ ޕްރޮގްރާމު އަށް ވާތީ ރަށު ރައްޔިތުންގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބުނެވެ. ނަމަވެސް މިކުދިންތައް ހިތްވަރު އެލުވައެއް ނުލައެވެ. ރަށުގެ ގިނަ ބޮޑެތި މީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނު ކަަމުގައި ވިއަސް މިކުދިން އަމިއްލަ ނިކުމެ ވައިކަރަދޫ ބީޗް ސާފު ކުރިއެވެ.

Ad
rt

އެ ޕްރޮގްރާމުގައި ވީކޭ ޕީކާރސް މެމްބަރުން ގެ އިތުރުން ރަށުގެ ބައެއް ޒުވާނުންވެސް ބައިވެރިވިއެވެ. ޖުމްލަ 14 މީހުން ބީޗް ސާފުކުރުމުގައި ބައިވެރިވި އިރު 2 ގަޑިއިރު ތެރޭ އެކުދިން ވަނީ ބޮޑު 40 ކޮތަޅުގެ ކުނި ހޮވާފައެވެ. އަދި ސާފުކޮށް ނިންމާފައި ކުނިތައް ވަނީ ކުނި ގޮނޑަށް އުކާލާފައެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކޭ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަމިއްލަ ރަށުގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަކީ އަމިއްލަ ޒިންމާއެއް ކަން މިކުދިން ސާބިތު ކޮށްދީފިއެވެ.

މުޖުތަމައު ފައިދާ ކުރުވަނިވި މަސައްކަތެއް ކުރުމަށް ބޮޑެތި ސްޕޮންސަރ ތަކާއި ރަޖިސްޓްރީ ކޮށްފައިވާ ކްލަބެއް ބޭނުންނުވާ ކަންވެސް ވީކޭ ޕީކާރސް އިން ސާބިތު ކޮށްދީފިއެވެ. ހަމަގައިމުވެސް ވީކޭ ޕީކާރސްގެ ޒުވާން ކުދިންތައް އެކުރީ ޝުކުރާއި ސާބަސް ހައްގު މަސައްކަތެކެވެ. ދިވެހި ޒުވާނުން އެކަމުން ނަމޫނާ ނަގަންވީ މަސައްކަތެކެވެ.