ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހިންގުމުގެ ތެރެއިން އެއްވެސް ނާޖާއިޒު ފައިދާއެއް ހޯއްދަވާފައި ނުވާނެ ކަމަށާއި، އަދިވެސް ހުންނެވީ އޭނާގެ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރޭ ވިދާޅުވެއްޖެއެވެ.

ސިމެންތިގަށާ މެޝިނެއް ބޭނުންކޮށްގެން އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލާ ވީޑިއޯއެއް މި މަހުގެ 22 ވަނަ ދުވަހު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއާއި ގުޅިގެން އެފަދަކަން ހުއްޓުވައި ތަހުގީގު ހިންގުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި، ގައުމީ އަރުޝީފުން ވެސް ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައި މިކަމުގެ ބަހުސްހިނގައި، މެންބަރު ކަންބޮޑުވުންފާޅުކުރައްވައި އެކަން ބެލުމަށް ގޮވާލާފައިވާއިރު، އެފްއެސްއެމަށް ގިނަބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Ad
rt

މި ފާޑުކިޔުންތަކާއެކު އެކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ކުންފުނީގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާނުލައި ކަމަށް ވަނީ ބުނެފައެވެ.

މި ފާޑުކިޔުންތަކާއި ތުހުމަތުތަކެއް އެފްއެސްއެމް އަށާއި އެ ކުންފުނީގެ އެމްޑީ ގަސަމަށްވެސް ކުރިމަތިވެފައި ވަނިކޮށް ގަސަމް ރޭ ވަނީ އޭނާގެ ދިފާއުގައި މީސް މީޑިއާގައި މެސެޖެއް ލިޔުއްވާފައެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައި ވަނީ، އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލުމާއިގުޅިގެން އެކަމަކީ އޭނާ ކުރައްވާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވުމަށް ކޮށްފައިވާކަމެއްކަން ބައެއް މީހުންގެ ސިކުނޑިއަށް ވައްދައިދިނުމަށް މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ބަޔަކު ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަކަމަށެވެ.

''ބަޔަކު ކުރަމުންދާ ފިނޑި ޢަމަލުތަކަކާއިގުޅިގެން އަޅުގަނޑު މަންމައާއި ބައްޕަ އަށް އަދި ޢާއިލާ އާއި ގާތްތިމާގެ މީހުންނަށަށާއި ގާތް އެކުވެރިންނަށާއި އެންމެހާ ފަރާތްތަކަށް ޔަގީންކަމާއެކު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު އަދިވެސް މިހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައިކަމުގައި'' ގަސަމް ވިދާޅުވެފަވެއެވެ.

ގަސަމް ވިދާޅުވީ، އޭނާ ކޮށްފައިވާ ހަލާލު މަސައްކަތަކުން ލިބޭއެއްޗެއް މެނުވީ އޭނާއާއި އަނބިދަރީންގެ އަރުތެރެނުވާނެކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށެވެ. އަދި އެފްއެސްއެމްގައި އޭނާ ކުރެއްވި ކޮންމެ މަސައްކަތެއްމެ ކުރައްވާފައިވާނީ ކުންފުނީގެ ކުރިއެރުމަށްކަމަށް ވިދާޅުވެފަވެއެވެ.

''ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް، އަޅުގަނޑަށް ލިބެންޖެހޭގޮތައް ކޮއްފައިވާ އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަގީންކަން އަރުވަން'' ގަސަމް ވިދާޅުވެފަވެއެވެ.