އެމްޑަބްލިއުއެސްސީން އއ. ފެރިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.

ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޕްލޭނިން މިނިސްޓްރީ އާއި، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.

Ad
rt

މިމަޝްރޫއުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކެއް އަޅައި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މީގެ އިތުރުން، ފެންރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.

މި މަޝްރޫއުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 69.32 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.