ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ނައްތާލާތީ އެކަން ހުއްޓުވައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

އެ ކޮމިޝަނުން އެ ކަމަށް އެދިފައި މިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް، ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެފައި ވަނިކޮށެވެ. އަދި އަދި ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުން ވެސް ލިޔުންތައް ނައްތާލަމުން އަންނަކަމަށް އަޑުތައް ވެސް ފެތުރިފައި ވަނިކޮށެވެ.

Ad
rt

އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އެހެންވެ، އެފަދަ ކަމެއް ކުރަން ވަކި ފަރާތަކުން އެންގިޔަސް އެކަން ނުކުރުމަށާއި އެފަދަ ކަމެއް ކުރާކަން އެނގިއްޖެ ނަމަ ވަގުތުން އެ އިދާރާ އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކީ ރާއްޖޭގެ ގާނޫނުތަކުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތަކެއް ކަމުގައިވާތީ، އެކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާކަން ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ ޢަމަލުތައް ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީން ވިދާޅުވެފައި ވެއެވެ.

އާންމުވެފައިވާ ވީޑިއޯ ސަބަބުން އެފްއެސްއެމް އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އެފްއެސްއެމްގެ މީޑިއާ އޮފިޝަލް ވިދާލުވެފައިވަނީ އެ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.