އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ނެރުނު އެމް.ޑީ.އެންގެ މިޢުދުވާނީ ރިޕޯޓު ލިޔެ ޢާންމު ކުރުމަށް ފަހު، ބޭރު ކަރަކަރައަށް ފިލަފިލައިގެން ގޮސް ތިބި މީހުންނާއި، އެކިއެކި މަޤާމުތަކުގައި ތިބެ ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަގަމުންދާ އެންމެހާ ޚާއިނުން ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެމްޑީއެން އުވާލުމާއި ގުޅިގެން މިއަދަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަފާތު ތަޢައްޞުބީ ސިޔާސީ ފިކުރުތަކާއި ޕާޓީ ފިކުރުތަކާއި ކުލަބު ޖަމްޢިއްޔާ ފިކުރުތައް ފަދަ ބައިބައިކުރަނިވި ވިސްނުންތަކަށް ފުރަގަސް ދިނުމަށް ފަހު، އަޅުގަނޑުމެންގެ ތެރެއިން އެންމެ ފަހު މީހާއާ ޖެހެންދެން، އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކުގެ އިންތަކުގެ ތެރެއިން މި މަސައްކަތުގައި ފަސްނުޖެހި ޘާބިތުކަން މަތީގައި ކުރިއަށް ދިޔުމަށްވެސް ގޮވާލާ ކަމަށެވެ.
ދިވެހި ތާރީޚުގެ ތެރެއަށް މިފަހުން ވަދެގެން މިދިޔައީ، މާތްވެގެންވާ އިސްލާމް ދީނާ ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ ޢުދުވާނީ ރިޕޯޓު ނެރި ޢާންމު ކުރި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމް.ޑީ.އެން) އަށާއި އެކަމުގައި ބައިވެރިވި ފަރާތްތަކަށް އަދަބު ދިނުމަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ތެދުވެ ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ، ކަމާ ބެހޭ ފަރާތްތަކުން އެޖަމްޢިއްޔާ އުވާލައި، ވޭތުވެދިޔަ ނުވަ ވަރަކަށް ޤަރުނުން ސުރެ ދިވެހިންގެ ކާބަފައިން، އަދުގެ ދިވެހި ޖީލުތަކާ ހަމައަށް ނުހަނު އަމާނާތްތެރި ކަމާއެކު ވާރުތަކުރައްވާފައިވާ އެންމެ އަގުހުރި ތަރިކަ - ހަމަ އެމޭރުމުން - ދެން އަންނަން
އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޓަކައި ދިރިތިބީންގެ ކޮނޑުގައި އެޅިފައިވާ ވާޖިބު ތެދުވެރިކަމާ އެކު އަދާކުރަމުންދާކަމުގެ އަލިގަދަ ހެކި ފާޅުވެގެން ދިޔަ ނިޢުމަތްތެރި ދުވަސްތަކެކެވެ. ހަމަކަށަވަރުން ވެސް އެއީ، މި އިސްލާމީ ދިވެހި ދަވްލަތުގެ ތާރީޚުގައި ދޭތެރެ ދޭތެރެއިން ފާޅުވާ ނުބައި އަނިޔާވެރި ހައްދުފަހަނަ އަޅާފައިވާ ޣައްދާރުންގެ މަކަރުވެރި ސައްލާތަކާއި ރޭވުންތުގެ ކުރިމަތީގައި، އިސްލާމް ދީން ޙިމާޔަތް ކުރުމަށް އަދިއަދަށް ދާންދެންވެސް އަތުކުރިއޮޅައިގެން ހުށިޔާރުކަމާއެކު ދިވެހި ލޮބުވެތި ރައްޔިތުން ތިބިކަން ހާމަކޮށްދިން ނުހަނު މަތިވެރި ވަގުތުތަކެއްކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ރާއްޖޭގެ އެންމެހާ އަޞްލަކާއި އަސާސްތައް ގުޅިލާމެހިފައިވާ އިސްލާމް ދީނަށް، ޓެރަރިސްޓުންތަކެއް ދިން ޚުޠޫރަތްތެރި ވިހަ ގަދަ ފިކުރީ ޙަމަލާ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯރކްގެ ރިޕޯޓު ލިޔެ ތައްޔާރުކޮށް، ޢާންމު ކުރުމަށް ވާގިވެރިވެ، އަދި އެކަމަށް ތާޢީދުކޮށް، ނުވަތަ ދިފާޢުކުރި މީސްމީހުންގެ ވާހަކައަކީ، ދިވެހި ތާރީޚުގައި ނުހަނު ކަޅުއަނދިރި އަކުރުން ކަނޑައިނެގޭނެ ވާހަކައެއް ކަމާމެދު ކުޑަކޮށްވެސް ޝައްކެއް ނެތެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މީގެ އިތުރުން މިދިގު ބަޔާނުގައި ބުނެފައި ވަނީ މި ޢުދުވާންނާ ދެކޮޅަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ކެތްތެރިކަންމަތީ ކުރެއްވި ޖިހާދުގައި، ކުރިމަތިވި ގޮންޖެހުންތަކާއި ގިރާކުރަން ޖެހުނު ހުރަސްތަކަށް ރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިން ކުރިމަތިލެއްވި ޙިކުމަތްތެރި ވިސްނުންތެރި އުޞްލޫބަކީ އެބޭފުޅުންގެ ސާދާކަމާއި ސީދާކަން ދައްކުވައިދިން ނުހަނު އަލިގަދަ ހެއްކެކެވެ. އަދި އެއީ ހައްދުފަހަނައަޅާފައިވާ އެމް.ޑީ.އެން ފިކުރުގެ މީހުން، އެއްވެސް އަޞްލެއް، އަސާސެއް، ޙަޤީޤަތެއް ނެތި ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި އަޅުވަން މަސައްކަތްކޮށްފައިވާ ދޮގު އިލްޒާމުތަކުގެ ބާޠިލުކަން އެންމެހާ މީސްތަކުންނަށް ޘާބިތުކޮށްދިން ޙާދިޘާއެކެވެ. އަދި ދީނީ ޢިލްމުވެރިންނަކީ އެއްވެސް އިރެއްގައި އަނިޔާވެރިކަމަށް ގޮވައި، މީސްތަކުންގެ ޙައްޤުތަކަށް ގެއްލުންދިނުން ފަދަ އެއްވެސް ބާވަތެއްގެ ނިރުބަވެރިކަމަކަށް ގޮވާލާ ބައެއް ނޫންކަން ބަޔާންކޮށްދިން ޙަޤީޤަތެކެވެ. ހަމައެއާއިއެކު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ޞުލްޙަމަސަލަސް ކަމަށް އަބަދުވެސް ލޯބިކުރައްވައި، ދީނީ ޢިލްމުވެރިންގެ ނަޞޭޙަތް ހިތުގެ އެންމެ ފުންމިނުން ޤަބޫލުކުރައްވައި، އަމަންއަމާންކަން އިސްކުރައްވާ ޞުލްޙަވެރި ބައެއް ކަމުގައެވެ. އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ޖާގަ ނުދޭ ރައްޔިތުންތަކެއްގެ ގޮތުގައެވެ.
ދެންފަހެ، މުޅި ދިވެހި ރާއްޖޭގެ އެކިއެކި ވިސްނުމާއި ފިކުރުތަކުގެ ރައްޔިތުންގެ މިންނެތް މަސައްކަތާއި ކެތްތެރިކަމާއެކު އެބޭފުޅުންގެ ލަނޑުދަނޑިތައް ޙާޞިލްކުރެއްވުމަށް ޓަކައި އެއްބައިވަންތަކަމާއި އެކަތިގަނޑެއްގެ ގޮތުގައި ދެގޮތެއް ނުވެ އިޚްލާޞްތެރިކަންމަތީ އެތައް ދުވަހެއް ވަންދެން ފައިތިލަ ޘާބިތު ކުރައްވައިގެން ތިއްބެވުމުގެ ނަތީޖާއެއްގެ ގޮތުން، އެމް.ޑީ.އެން އުވާލަން ނިންމަވައި، އެކަމަށް ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށް ޓަކައި ދީފައިވާ ސާޅީސް ފަސް ދުވަހުގެ މުހުލަތު މިއަދަށް ހަމަވެ އެމް.ޑީ.އެން މުޅިން އުވާލިކަން ކަމާބެހޭ ފަރާތުން އިޢުލާނުކުރައްވާފައެވެ. ފަހެ މިއީ، ދިވެހި ރައްޔިތުން އިސްލާމް ދީނުގެ ޙިމާޔަތުގައި މިއަދު ކުރަންޖެހިފައިމިވާ ޖިހާދުގެ އެންމެ ފުރަތަމަ ހަރުފަތް މާތް ރަސްކަލާނގެ ރަޙުމަތްފުޅުން ގިރާކުރެވިއްޖެ ކަމުގެ ސިގުނަލެއް ކަމުގައި ވިޔަސް، އިތުރަށް ކުރަން ޖެހޭ ނުހަނު ބުރަ އަދި ގިނަ މަސައްކަތްތައް ފުރިހަމަ ކުރުން ކުރިއަށް އަދި އޮތީ ކަމުގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ފަރުދެއް ހަނދާން ނައްތާލައިގެން ނުވާނެއެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިބަޔާން ނިންމާލަމުން ބުނެފައިވަނީ އަދި މާތް ﷲ އަށް ޝުކުރު ދަންނަވާ ޙާލު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، ކަމާ ބެހޭ ފަރާތްތަކާއި، އެންމެހާ އިވެންޓުތައް އިންތިޒާމު ކުރައްވައި އަދި އެކަންކަމަށް އެހީތެރިވެދެއްވާ ޢާންމު ރައްޔިތުންނާއި، ދީނީ ޖަމްޢިއްޔާތަކާއި، ޢިލްމީ އަދި ޢަމަލީ ފަންނުވެރިންނާއި، އިޖުތިމާޢީ މުއައްސަސާތަކާއި، މީޑިއާތަކާއި، ކުލަބުތަކާއި، ސިޔާސީ އެކިއެކި މަޤާމުތަކުގައި ތިއްބެވި ވަފާތެރި ފަރާތްތަކާއި، އަދި އެނޫން އެންމެހާ ބޭފުޅުންނަށް ވެސް މިފުރުޞަތުގައި ޝުކުރު އަދާކުރާކަމަށާއި އަދި ހަމައެހެންމެ، މި މަސައްކަތުގައި ކުރަން ހުރި ގިނަގުނަ ކަންކަން ކުރުމުގައި ކުރިއަށް ދާއިރު، ކުރިމަތީގައި އޮތް ރާސްތާގައި ގިރާކުރަން ހުރި ބޮޑެތި ހުރަސްތަކާއި، އިމެއް ނެތް އަނިދިރި ނުފޫޒުތަކާ ކުރިމަތިލުމުގައި މާތް ﷲ ގެ ޙަޟްރަތުން ކެތްތެރިކަމާއި ޘާބިތުކަން ހޯއްދެވުން މަތީ ތާއަބަދު ތިއްބެވުމަށް ނުހަނު ވަޞިއްޔަތް ކުރަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް އިޚްލާޞްތެރިކަން ދެއްވައި މަސައްކަތުގައި ބަރަކާތް ލައްވައި ނަޞްރު ދެއްވާށި. އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!