ރާއްޖޭގެ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސާލިހަށް ފޮނުއްވެވި ސިޓީފުޅެއްގައި އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 30، 2023 ގައި ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

Ad
rt

މީގެ އިތުރުން ރައީސް އޮފީހުގައި ބައްދަލުކުރައްވާ އައު ސަރުކާރާ ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެވުމަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ދެއްވާނެކަމަށް ޔަގީންކަން ދެއްވިކަމަށްޓަައި ވެސް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މުއިއްޒު ވަނީ ސަރުކާރާއި ހަވާލުވުމުގެ ކަންކަން ވިލަރެސް ކުރައްވަމުން ގެންދަވާ ކަމަށާއި މި މަސައްކަތް އޮމާންކޮށް އަވަހަށް ގެންދިއުމަށް ސާލިހުގެ ފަރާތްޕުޅުން ބޭނުންވާ ބައެއް ކަންކަން ވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓްމެންޓެއް ނުކުރުމަށާއި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އައު ހުއްދަ ނުދިނުމަށާއި ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެންފަރާތަކަށް ބަދަލު ނުކުރުމަށް ވަނީ އެދިލައްވާފައެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރެއްވުމަސް ވެސް އެދިލެއްވިއެވެ.

މީގެ އިތުރުން ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓުތައް ނުފެށުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުމާއި މަގާމުގެ ކުރިއެރުން ނުދިނުމަށް ވެސް އިންތިހާބީ ރައީސްގެ ސިޓީފުޅުގައި ވަނީ އެދިލައްވާފައެވެ.