މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާ އަކީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ޖަލްސާއެވެ. އެ ޖަލްސާގައި މާލެ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 17 ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކައުންސިލްގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނު އިންތިހާބުކޮށްފައިވީ ނަމަވެސް އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީ މޭޔަރުގެ ޒިންމާތައް މިއަދުން ފެށިގެން ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކުރައްވާނެ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އެކަން ކުރައްވަނީ މުއިއްޒު ވިދާޅުވި ގޮތުގައި ޓްރާންސިޝަނަލް މުއްދަތުގައި އެކަމަށް ވަރަށް ވަގުތު ދޭން ބޭނުން ވާތީ އެވެ. އެހެން ނޫނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ އިރު، ފުރިހަމަ އަށް ތައްޔާރު ނުވެވިދާނެ ކަމަށް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އިންސާފުވެރި ގޮތަކަށްވާނީ. އަޅުގަނޑަށް މި ޓްރަސްސިޝަން ޕީރިއަޑްގައި، ޓްރާންސިޝަން މަސައްކަތަށް ވަރަށް ވަގުތު ދޭން ބޭނުން. އެހެން ނޫނީ 17 ނޮވެމްބަރުގައި މަސައްކަތް ފަށާއިރުގައި ފުރިހަމަ އަށް ތައްޔާރު ނުވެދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާއިރު، ހުރިހާ ވަގުތެއް އެކަމަށް ދެއްވަން ބޭނުންވާ ކަމަށެވެ. އެގޮތުން ކޮމިޓީތައް ހިނގާ ގޮތް ބައްލަވައި ޑިރެކްޓަރު ޖެނެރަލް ކުރައްވާ މަސައްކަތަށް ފުރިހަމަ އަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، ޑެޕިއުޓީ މޭޔަރާ ޒިންމާތައް ހަވާލުކޮށް ހިންގަން ފުރުސަތު ދެއްވައި، ހާއްސަ ހާލަތެއްގެ ގޮތުގައި ގާނޫނީ ލަފާއާ އެއްގޮތަށް ހާއްސަ ހާލަތެއްގެ ގޮތުން މާލެ ސިޓީގެ ޒިންމާތަކުން އެކަހެރިވެވަޑައިގެން ޗުއްޓީއެއް ނަންގަވަން ނިންމަވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ، އެންމެ އިންސާފުވެރި، އަދުލުވެރި ގޮތަކަށް ވާނީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލު ކުރެއްވުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!