ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ނަޕޯލީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަޕޯލީންނެވެ. ނަޕޯލީއަށް 19 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑިފެންޑަރ އޮސްޓިގާޑެވެ. ނަޕޯލީން ލީޑު ނެގިތާ އަށް މިނެޓް ފަހުން ރެއާލުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ވިނީސިއަށް ޖަހާފައި ވަނީ ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެލިންހަމްގެ އެހީތެރިކަމާއި އެކުގައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގައި ފުރަތަމަ ފަހަރަށް ރެއާލަށް ލީޑު ނަގައިދިނީ ބެލިންހަމްއެވެ. މެޗުގެ 34 ވަނަ މިނެޓުގައި ބެލިންހަމް ވަނީ ނަޕޯލީގެ ހާފްގެ މެދުން ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ ނަޕޯލީގެ ޑިފެންސް ލައިން އެއްކޮށް ބީޓްކޮށްލުމަށް ފަހު ގޯލުގެ ދުރުކަނަށް ބޯޅަ ވައްދާލާފައެވެ. މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅުނު ދެ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.
ނަޕޯލީން މެޗުގެ ދެވަނަ ލަނަޑު ޖަހާފައި ވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި ރެއާލްގެ އޭރިއާތެރެއިން ކެޕްޓަން ނަޗޯގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒިއެލިންސްކީއެވެ. ރެއާލް މެޗުން މޮޅުވީ 78 ވަނަ މިނެޓުގައި ނަޕޯލީގެ އޭރިއާ ބޭރުން ފެޑޭ ވަލްވަޑޭ ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ލަނޑުންނެވެ. އެ ބޯޅަ ނަޕޯލީގެ ގޯލަށް ވަދެފައިވަނީ ހުރަސް ދަނޑީގައި ޖެހިފައި ނުކުންތް ބޯޅަ ނަޕޯލީގެ ކީޕަރ މެރެޓްގެ ބޮލުގައި ޖެހިފައެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމްކަމަށްވާ ބްރާގާއާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ބްރާގާއެވެ.
މި ގްރޫޕްގެ އެއްވަނާގައި ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ރެއާލް އޮތްއިރު ދެވަނާގައި އޮތީ ތިން ޕޮއިންޓާއިއެކު ނަޕޯލީއެވެ. ތިންވަނާގައި ބްރާގާ އޮތްއިރު ފުލުގައި އޮތީ ޔޫނިއަން ބާލިންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!