އިންތިހާބީ ރައީސް ޑރ. މުހައްމަދު އުއްފައްދަވާ އާ ސަރުކާރަށް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ އެ ޕާޓިން އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު، ސަރުކާރު އެކުލަވާލަން ކުރަން ޖެހޭ ކަންކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެމްޑީޕީ އަތުގައި ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަމުގައި ވެސް އާ ސަރުކާރަށް އެހީތެރިކަން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

ހަމައެހެންމެ ރައީސް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ އަމާޒަކަށް ދެން ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުން ކަމަށާއި، އިދިކޮޅު ޕާޓީއަކީ ޑިމޮކްރަސީއެއްގައި މުހިއްމު ބާރެއް ކަމަށެވެ. އަދި އެމްޑީޕީ އަކީ އިދިކޮޅު މަސައްކަތްތަކަށް އާ ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީން އިދިކޮޅުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއް ވެސް ކޮށްފައި އެބަހުރި ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ.

"މި ޕާޓީ ވަރުގަދަ އޮޕޯޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތުމަށް ދޭން ޖެހޭ އެހީތެރިކަން އަޅުގަނޑު ބަރާބަރަށް ދޭނަން. އަދި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރާށާއި، 2028 ވަނަ އަހަރު އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއީ އެމްޑީޕީ ހިންގުމުގެ ތެރެއަށް އާ ވިސްނުމާއި، ޒުވާނުންގެ ޖޯޝާއި ފޯރި އަދި ރޫހު ގެންނަންވީ ވަގުތު ކަމަށެވެ. އަދި އެމްޑީޕީ ކުރިއަށްދާނީ ޒުވާނުންގެ ވިސްނުމާ އެއްގޮތަށް ކަމަށާއި ޒުވާނުން ކުރިއަށް ނުކުތުމުން ސަޕޯޓް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.