ރޭ ދަންވަރު ކުޅުދުއްފުށީގައި ފޯނު ވިއްކާ ފިހާރަ އެއް ފަޅާލައި ފޯނު ތަކެއް ވަގަށް ނަގާފައިވާ މައްސަލަ އެއް މިއަދު 05:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި ވައްކަމާއި ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން ފުލުހުން ކުރި މަސައްކަތުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ވަގަށް ނަގާފައިވާ ފޯނުތައް ފުލުހުން ހޯދާފައިވާކަމަށާއި މީގެ ތެރެއިން 1 ފޯނު ހޯދާފައިވަނީ އެ ރަށުގައި ދިރިއުޅޭ ބިދޭސީކަށް ވިއްކާލާފައިވަނިކޮންކަމަށް ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
ފޯނު ފިހާރައިގެ ވެރިޔާ ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ބުނީ ފިހާރައިގެ ބިއްލޫރި ގަނޑުތަޅާލާ ސޯކޭސްވެސް ތަޅާލާފައި ވާކަމަށެވެ. ސީސީޓީވީން ފެންނަ ގޮތުގައި ވައްކަންކުރިމީހާ ހުރީ އަންހެން ހެދުން އަޅައިގެންކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!