ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ހޯދާފައެވެ. މިގޮތުން ބާސާގެ ޕޯޗުގަލް ފޯވާޑް ޖޯ ފެލިކްސްއަށް ސެވިއްޔާގެ އޭރިއާތެރެއިން ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފުރަތަމަ ހާފުގައި ސެވިއްޔާއަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ އޮކަމްޕޮސްއަށެވެ. ބާސާގެ އޭރިއާތެރެއިން ހުހަށް ހުރެ ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތްކުރީ ބާސާގެ ޒުވާން މިޑްފީލްޑަރ ގަވީއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ބާސާއަށް ކުޅެމުން އަންނަ ރަފީނިއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މިވަގުތު ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއާއި މި ސީޒަންގައި ބާސާގެ މެދުތެރޭ މޮޅަށް ކުޅެމުން އައި ޑި ޖޮން ވެސް ހުރީ އިންޖަރީގައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، 76 ވަނަ މިނެޓުގައި ސެވިއްޔާގެ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ބާސާގެ އޭރިއާތެރެއަށް ފެރާން ޓޯރޭސް ހުރަސްކުރި ބޯޅަ ލެމީން ޔަމާލް ބޮލުން ޖެއްސި ވަގުތު އެ ބޯޅަ ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭ ރާމޯސް ފައިގައި ޖެހިފައި އެ ބޯޅަ ވަނީ ބައި ގޯލަށެވެ.
މި ނަތީޖާއާއިއެކު އަށް މެޗުން 20 ޕޮއިންޓް ހޯދައި ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މިވަގުތު ދެވަނާގައި ޖިރޯނާ އޮތީ ހަތް މެޗުން ލިބުނު 19 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ ހަތް މެޗުން 18 ޕޮއިންޓެވެ.
މިރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިގެންދާނެއެވެ. މިރޭ ރެއާލްއާއި ޖިރޯނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!