ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށާއި ވެރިކަމަށް ވަޑައިގަންނަވަނީ ސާފު ސަރުކާރެއް ގާއިމުކުރަން ކަމަށް އިިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން އެކުލަވާލާ ޓީމު ވާނީ އިހްލާސްތެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވޭ ވަރުގެ ޓީމެއް ކަމަށެވެ. އަދި ކެބިނެޓަށް ނަގާ ޓީމު ވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ޓީމަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ad
rt

މުއިއްޒު ވިދާޅުވީ އެ ޓީމު ވާނީ ފަސްބައި ސާފު، ހިދުމަތް ކުރެވޭ އޭނާ އެދިވަޑައިގަންނަވާ ސްޕީޑްގައި ރެއާއި ދުވާލް މަސައްކަތް ކުރައްވަން ކެރޭ، ހީވާގި، ތައުލީމް، ގާބިލް ބޭފުޅުންނަށް ކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ތެދުވެރި، އިހްލާސްތެރި މަސައްކަތްތަކެއް ކުރައްވަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއީ ކެބިނެޓް ވިޔަސް، ސަރުކާރުގެ ކުންފުނިތައް ކަމުގައި ވިޔަސް، އެހެނިހެން އިދާރާތައް ކަމުގައި ވިޔަސް އެކަން އޮންނާނީ އެގޮތަށް. އަޅުގަނޑު ބޭނުން ވަނީ ތެދުވެރި އިހްލާސްތެރި މަސައްކަތްތަކެއް ކުރަން. އަދުލުވެރިކަމާ އެކީގައި އިންސާފުވެރި ކަމެއް ކުރަން. ނަތީޖާ ފުރަތަމަ ދުވަހުން ފެށިގެން ނެރެން. ގައުމުގެ ކަންކަން ހަމަ މަގުން ގެންދަން. ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ހުރިހާ މާނައެއްގައި ނެރުން،" މުއިއްޒު ވިދާޅުވިއެވެ.

"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރާ ނަމަ، ހަމަޖެހުމެއް ނާންނާނެ،"

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ޖަވާބުދާރީ ވާން ނޭނގޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެކުލަވާލާ ޓީމުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ އެބޭފުޅަކު ކުރައްވާ ކަންކަމުގައި ޖަވާބުދާރީ ނުވެވޭ ވަރުގެ ބޭފުޅަކަށް ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިނިވަން މުއައްސަސާތައް ވާނީ ހަގީގީ މާނައިގައި އަމަލީ ސިފައިން މިނިވަން މުއައްސަސާތަކަކަށް ކަމަށެވެ. އަދި ޝަރުއީ ނިޒާމު ވާނީ ހަގީގީ މާނައިގައި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޖުޑިޝަރީއަކަށް ކަމަށާއި އެ މަގުން މަސައްކަތް ކޮށްފި ނަމަ، ރާއްޖެ އަށް ހަމަޖެހުން އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެކަން ކުރާ ފަރާތެއް ފެނިއްޖެ ނަމަ، އަޅުގަނޑު އިސްވެ އެ ފަރާތަކަށް ފިޔަވަޅު އަޅާނީ. އިހްލާސްތެރި މަސައްކަތެއް ކުރަން ނޫނީ އަޅުގަނޑުގެ ޓީމަކަށް މީހަކަށް ނާދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.