ގައުމިއްޔަތާއި، އަޚުލާގާއި، ތަރުބިއްޔަތު ދަސްކޮށްދިނުމަށް ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ތުއްތު ދަރީންގެ ހިތުގައި ގައުމީ ލޯބި އުފައްދަން ޖެހޭ ކަމަށާއި، ގައުމަށް ހަމަ ޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީ ކޮށްގެން ކަމަށެވެ. އަދި ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަޚުލާގު ދަސްކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގައުމިއްޔަތު ދަސްކޮށްދިނުމަށް، ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނައިގެން ގައުމިއްޔަތާއި ތަރުބިއްޔަތާއި އަޚްލާގު ދަސްކޮށްދޭން ވަކި މާއްދާއެއް ކުރިޔަށް ގެންދާނަން." މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއަށް އުމްރާނީ ތަރައްގީ ކިތަންމެ ވަރަކަށްވެސް ގެނެވިދާނެ ކަމަށާއި، ނަމަވެސް ގައުމަށް ހަމަޖެހުން ގެނެވޭނީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހި ކުރެވިގެން ކަމަށެވެ. އަދި ދިވެހި އަބުތާލުންގެ ޖިހާދަކީ މަތިވެރި ޖިހާދެއްކަން ދަސްކޮށްދެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަބުތާލުން ކުރެއްވި ޖިހާދުތައް އެއީ މަތިވެރި ޖިހާދެއްކަން ގަބޫލުކުރަން. އަޅުގަނޑުމެންގެ ދަރިންނަކީ ތާރީޚާއި ސަޤާފަތް އަދި އާދަކާދަތައް ދަންނަ އިހުތިރާމް ކުރާ ބަޔަކަށް ހަދަން އެބަޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ދަރިން ދިވެހި ބަހަށް ފަރިތަ ކުރުމާއެކު، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދޭން ޖެހޭކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Ad
rt