ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހައްދަަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ކެމްޕެއިން ދަތުރުގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ގޮއިދޫ ކޯރުގަނޑު ސަރަހައްދުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.

Ad
rt

މީގެ އިތުރުން އެކަމުގެ ނަފާ ރައްޔިތުންނަަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށާއި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހައި ކަމެއް ފަހި ކޮށްދީ، ސީޕްލޭން ޖެއްސޭނެ ގޮތް ވެސް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ބަޔޮސްފިއާ ރިޒާވަށް ތަނެއް ލަނީ އެއިން އިގްތިސާދީ ފައިދާއެއް ހޯދުމަށް ކަމަށާއި އެ ޕްރޮޖެކްޓްގެ ތެރެއިން ނުވަތަ ވަކިކޮށްގެން ވިޔަސް އާމްދަނީގެ ފުރުސަތު ލިބޭނެ ގޮތް އެ ރަށުގެ މީހުންނަށް ފަހިވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ގޮއިދޫ އަށް ވެވަޑައިގެންނެވި ވައުދުތައް ތަކުރާރުކުރައްވާ ވިދާޅުވީ އެރަށުގައި ފެންވަރު ރަނގަޅު ބޯޅަދަނޑާއި ސްކޫލުގެ ޖާގަ އިތުރުކޮށްދީ، ސިއްހީ މަރުކަޒުގެ ނިޒާމު ހަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި ރަށުގައި ތިބެގެން ގިނަ ހިދުމަތް ދެވޭ ގޮތަށް ހިދުމަތްތައް އިތުރުކޮށްދީގެން މިހާރަށްވުރެ މާ ރަނގަޅަށް ސިއްހީ މަރުކަޒުގައި ހަގީގީ ސިފަ ޖައްސައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވަނީ ގޮއިދޫ ބަނދަރު ތަރައްގީކޮށް، އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ކޮށްދެއްވާނެ ކަމަށާއި އެ މަޝްރޫއުގެ ދަށުން ކަރަންޓްގެ ނިޒާމު ހަރުދަނާ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުޓްބޯޅަ ދަނޑެއް ހެދިގެންދާއިރު އިންޑޯ އަދި އައުޓްޑޯ ސްޕޯޓްސްގެ ޔޫތު ސެންޓަރެއް ގާއިމު ކުރުމާއި އޭޓީއެމް ހިދުމަތް ފެށުމަށް ވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ. އަދި ޕީއެންސީގެ ސަރުކާރު ވާނީ އެފަދައިން ވިދާޅުވާ ކޮންމެ ކަމެއް ރަސްމީކޮށް އަދި ހަގީގަތުގައި ވެސް ސަރުކާރުގެ ނިޒާމުގެ ތެރެއިން ބަޖެޓުންނާއި އިންވެސްޓަރުން ހޯދައިގެން ކޮށްދޭނެ ސަރުކާރަަކަށް ކަމަށް ވިދާޅުވިއެވެ.