ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮތް ނިންމާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުން މިއަދަށް ތާވަލުކޮށްފިއެވެ.

މި ކައުންސިލް ބައްދަލުވުން ތާވަލު ކޮށްފައި ވަނީ މިއަދު މެންދުރު 13:00 އަށެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މައި ޖަގަހަ، ކްނޫޒް ގައެވެ.

Ad
rt

މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕާޓީގެ ސްޓޭންޑް ކަނޑައަޅާނެ ކަމަށް އެ ޕާޓީގެ އިސް ތަރުޖަމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޢަލީ ޞާލިޙް ''ތިލަދުން'' އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުން ބޭއްވުމުގެ ކުރިން އެ ޕާޓީގެ ލީޑާޝިޕް ބޭފުޅުންނާ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ވަކިވަކިން ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޚިޔާލު ހޯއްދަވާފައެވެ.

ދެވަނަ ބުރުގައި ޖޭޕީން ތާއީދު ކުރާނެ ކެންޑިޑޭޓެއް މިއަދު ނިންމާއިރު، އެ ޕާޓީގެ އެއްބާރުލުން ހޯދުމަށް ދެ ކެންޑިޑޭޓުން ވެސް ވަނީ ޖޭޕީގެ ލީޑަރު ޤާސިމާއި ބައްދަލު ކުރައްވާފައެވެ. މިގޮތުން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތުން ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން ޓީމެއް ވަނީ ޤާސިމާ ބައްދަލުކުރައްވާފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ތާއީދު ހޯދުމަށް ޤާސިމާއި ބައްދަލު ކުރައްވާފައެވެ.