އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ ކަމަށާއި މިއަދު ރާއްޖޭގައި ކަންކަން ހިނގަމުން މިދަނީ ދިވެހިންގެ ބަސް ހިނގާ ގޮތަށް ނޫން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ކުރީގެ ދިފާއީ ވަޒީރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއެކު ކޯލިޝަން ހެދުމަށްފަހު، މުއިއްޒުގެ ކެމްޕެއިންގައި އއ. ފެރިދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ބޭރު ޤައުމަކުން ބުނާގޮތަށް ބަސް ހިނގާނަމަ ގައުމު ކުރިއަށް ނުދާނެ ކަމަށާއި މިއަދު ގައުމުގެ ހާލަތަށް ބަލާއިރު، ގައުމެއް ނެތޭ ދެންނެވިޔަސް ކުށަކަށް ނުވާނެ ކަމަށެވެ. އަދި ހާރިޖީ ސިޔާސަތެއް ވެސް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަކި ގައުމެއްގެ މައްޗަށް އަޅުގަނޑުމެން މުޅިން އަޅުދާސްވެގެން އުޅޭތަން ފެނިގެންދާކަން ފާހަގަކުރައްވަ ވިދާޅުވީ އަޅުގަނޑުމެންގެ މުޅި އިގުތިސާދު މިއޮތީ ވަކި ގައުމަކަށް ބިނާކުރެވިފައި ކަމަށެވެ. އަދި ރައްޔިތުންނަށް ބަސް ބުނުގެ ފުރުސަތެއް ވެސް މިއަދުނެތް ކަމަށެވެ.
އެކަންތައް ރަނގަޅުކުރުމަށް މުއިއްޒާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެން ނާޒިމް ވަނީ ތަފާތު ދޮގު ވާހަކަތައް ދަކައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އަދި އެމްއެންޕީން ވެސް މިއައީ ގައުމު ސަލާމަތް ކުރުމަށް ކަމުގައި ވިދާލުވިއެވެ.
މީގެ އިތުރުން އެންމެބޮޑަށް ބޭނުންފުޅުވަނީ ރައީސް ޔާމީން މިނިވަންވުން ކަމަށާއި ޔާމީން މިނިވަންކުރަން އެންމެބޮޑަށް ބޭނުންވަނީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!