މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލާ ޕާކު (ސަން އައިލެންޑް) ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ އިތުރަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ގައެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ސޯލިހް، ގާސިމް އާ ބައްދަލު ކުރެއްވުމަށް މިއަދު މެންދުރު ފަހު 1:30 ގައި ސަން އައިލެންޑަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސްއާ އެކީގައި އެމްޑީޕީގެ ބޮޑު ވަފްދެއް ވެސް ވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 5،460 ވޯޓު ހޯއްދެވި ގާސިމް މިހާތަނަށް ކޯލިޝަނާ ގުޅޭ ގޮތުން ގޮތެއް ނުނިންމަވައެވެ. އޭނާ ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުން ރޭގައި ކުރިއަށް ދިޔައިރު، ހަތަރު ގަޑިއިރަށް ދެމިގެން ދިޔައެވެ.
ރައީސް އާއި ގާސިމް މިއަދު ބައްދަލުކުރައްވާއިރު، ޖުމްހޫރީ ޕާޓީ އަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އެކަމަކު، ރައީސްއާ އެކީގައި ކުރިއަށް ވަޑައިގަތުމުގެ ބަދަލުގައި ޖޭޕީން ނިންމާފައި ވަނީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރާށެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކު ވެސް އެމްޑީޕީން ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!