ރޭ ޖަރުމަނާއި ޖަޕާން ބައްދަލުކުރި އެކުވެރިކަމުގެ މެޗުން، ޖަރުމަނު ބަލިވުމުން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ހަންސީ ފްލިކް، އެ މަގާމުން ވަކިކޮށްފިއެވެ.
ރޭ ޖަރުމަނުގެ ވުލްވްސް ބާގެ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި، ޖަޕާނުން ވަނީ ޖަރުމަނުގެ މައްޗަށް 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކުރި ހޯދާ އެންމެން ހައިރާން ކޮށްލާފައެވެ. ޖަޕާނުން ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ޖަރުމަނު ބަލިކޮށްފައެވެ.
ޖަރުމަނުގެ ކޯޗްކަމުން ފްލިކް ވަކިކުރުމާއިއެކު އޭނާ ވެފައި ވަނީ އެ މަގާމް 1926 ވަނަ އަހަރު އުފެއްދި ފަހުން އެ މަގާމުން ވަކިކުރި ފުރަތަމަ ކޯޗަށެވެ.
ޖަރުމަނުގެ ކޯޗްގެ މަގާމާއި ފްލިކް ހަވާލުވެފައި ވަނީ 2006 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ މަގާމުގައި ހުރި ޖޯހިމް ލޯ، މަގާމު ދޫކޮށްލުމާއި އެކުގައެވެ. ލޯ ވަނީ ޖަރުމަނަށް 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދީފައެވެ.
ފްލިކްގެ އިރުޝާދުގެ ދަށުން ޖަރުމަނު ވަނީ އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އެންމެ ފަހުން ޖަރުމަނު ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމް މޮޅުވީ އެންމެ މެޗަކުންނެވެ. ފްލިކް އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު 25 މެޗުގެ ތެރެއިން އެ ޓީމް މޮޅުވީ އެންމެ 12 މެޗުންނެވެ.
ޖަރުމަނުގެ ނަތީޖާތަށް ދަށްވެފައިވާއިރު، އެއީ އެ ގައުމުގެ ފުޓްބޯޅަ އިދާރާއަށް އޮތް ބޮޑު ބޮލުގަ ރިހުމެކެވެ. ސަބަބަކީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމަކީ ޖަރުމަނަށް ވެފައި އެ މުބާރާތް ކާމިޔާބު ނުކުރެވިދާނެ ކަމުގެ ބިރު ހީވުމެވެ.
ޖަރުމަނުގެ ގައުމީ ޓީމްގައި ފްލިކްގެ ނަތީޖާތަށް ދަށްވި ނަމަވެސް އެ މަގާމާއި ހަވާލުވުމުގެ ކުރިން އޭނާ ބަޔާން މިއުނިކްގައި 2019 ވަނަ އަހަރުން 2021 ވަނަ އަހަރަށް ހޭދަކުރިއިރު، ބަޔާންއާއިއެކު ވަނީ ޖަރުމަނުގެ ހުރިހާ ތައްޓެއްގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ.
ޖަރުމަނުގެ މީޑިއާތަށް ބުނާގޮތުން ޖަރުމަނުގެ ކޯޗްކަން ދެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަވާލުކުރަން ބޭނުންވާ ކޯޗުންގެ ތެރޭގައި ލިވަޕޫލްގެ މިހާރުގެ ކޯޗް ކްލޮޕްއާއި ޖަރުމަނު ލީގުގެ ފްރޭންކްފާޓްގެ ކޯޗް އޮލިވަރ ގްލެސްނާ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!